އާ ޑްރެޖަރާ އެކު އިހަވަންދޫގެ ބިން ހިއްކުން މެކުހަށް

އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ --- ފޮޓޯ: އިހަވަންދޫ.ކޮމް

ބިންހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށް ޓަކައި އެމްޓީސީސީން މީގެ ތިން ދުވަސްކުރިން ރާއްޖެ ގެނައި ޑްރެޖަރާ އެކު ހއ. އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ދުވާލަކަށް ހެކްޓަރެއް ހިއްކޭ އެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކުމަށް ހަމަޖެހިފައި ވަނީ ހއ. އިހަވަންދޫގެ ފަޅެވެ.

އެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް މިއަދު 'ސަން' އަށް ވިދާޅުވީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ކަމަށާއި އޭރު 12 ހެކްޓަރު ހިއްކި ކަމަށެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ --- ފޮޓޯ: އިހަވަންދޫ.ކޮމް

"އަޅުގަނޑުމެނަށް އެމްޓީސީސީން މައުލޫމާތު ދެނީ ގާތްގަނޑަކަށް ހަތް ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް," ސަބާހް ވިދާޅުވިއެވެ.

އިހަވަންދޫ ކައުންސިލުން އެ ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްފައިވާކަން ފާހަގަކުރައްވައި ސަބާހް ވިދާޅުވީ, އެތަނުން 150 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންޖީނުގެ އެ ބިމަށް ބަދަލު ކުރުމަށް ޕްލޭން ކޮށްފައިވާއިރު އެތަނުގައި ޓާފް ދަނޑެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ސިނާއީ އަދި އުމްރާނީ މުހިންމު ކަންތައްތަކަށް އެތަނުން ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައި," ސަބާހް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިއްކޭނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް މި ގެނައި ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިއްކޭނެއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.

comment ކޮމެންޓް