ވޯޓުފޮށި ބެހެއްޓުމާ ގުޅޭ ގޮތުން 22 ރިސޯޓަކުން ޖަވާބެއް ނުދޭ: އީސީ

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު / ސަން ފޮޓޯ: މުހައްމަދު ޝާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވޯޓު ލާނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން 22 ރިސޯޓަކުން ޖަވާބެއް ނުދޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މި އަހަރުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 604 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ރިސޯޓުތަކުގައި 78 ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 69 ރިސޯޓަކުން ވަނީ މުވައްޒަފުންނަށް ކައިރި ރަށްރަށަށް ގޮސް ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެކަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ވެސް އެ ގޮތަށް އަމަލު ކުރައްވާފައި އެބަހުރި. އެހެން ވީމާ، ވޯޓުލާ ދުވަހު ކައިރި ރަށްރަށަށް އެ ރިސޯޓްތަކުން ވޯޓުލާން މުވައްޒަފުން ފޮނުވާނެ. ވޯޓުލާނެ އިންތިޒާމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އަންގާފައިނުވާ 22 ރިސޯޓްގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ވަޒީފާގައި އުޅޭ ތަންތަން ވެސް ހިމެނޭ." ހަބީބު ވިދާޅުވިއެވެ.

އެހެންނަމަވެސް 22 ރިސޯޓަކުން ވޯޓު ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން ވެސް އަދި ވޯޓުލުމުގެ އިންތިޒާމް މުވައްޒަފުންނަށް ހަމަޖައްސާނޭކަން ވެސް އީސީއަށް އަންގާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން އެއް ރިސޯޓު ވަނީ ބަންދުކޮށްފައެވެ.

ރިޔާސީ އިންތިޚާބަށް 60 ދުވަހަށް ވެފައި ވާއިރު، މާލެ އާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް 138 ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާއިރު، ހުޅުމާލޭގައި 39 ފޮށި އަދި ވިލިމާލޭގައި 10 ފޮށި ހުންނާނެ ކަމަށް އިސީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ސިޓީތަކާއި އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި 319 ފޮށި ބަހައްޓަން ނިންމާފައިވާ އިރު ރާއްޖެއިން ބޭރުގައި 13 ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް އީސީން ބުނެއެވެ. އަދި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ދެ ފޮށްޓާއި ޖަލުތަކުގައި ފަސް ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް