ދިވެހި ޅެންވެރިކަމަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

ޅެންވެރިކަމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާމިނަތު ޢައްބާސް ---

ޅެންވެރިކަމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އާމިނަތު ޢައްބާސް އަވަހާރަވެއްޖެއެވެ.

އާމިނަތު ޢައްބާސް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، މިއަދު ހެނދުނު 7:30ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. މީގެ ކުރިން އެކަމަނާ އިންޑިއާއިން ވެސް ބޭސްފަރުވާ ކުރައްވާފައިވެއެވެ.

ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި ޑޭޒީމަލުގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި އާމިނަތު ފާއިޒާގެ ދަރިކަނބަލުން ކަމަށްވާ އާމިނަތު ޢައްބާސްއަށް ވަނީ 2002 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ.

އެކަމަނާއަށް ލިބިވަޑައިގެންނެވި އިތުރު ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނުވަ ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި 1997 ވަނަ އަހަރު ބޭއްވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން އެއް ވަނަ ހޯއްދެވުން ހިމެނެއެވެ.

މީގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއް ވަނަ އާއި، ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން އާމިނަތު ޢައްބާސް މަތީ ވަނަތައް ހާސިލުކުރައްވާފައިވެއެވެ.

ހަމައެއާއެކު، ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންސާފު ކޮށްދެއްވުމުގެ މަސައްކަތްވެސް އެކަމަނާ ކޮށްދެއްވާފައިވެއެވެ.

ނަވާރަސަތޭކަ ފަންސާސްހަތަރެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އާމިނަތު ޢައްބާސް ތައުލީމް ހާސިލްކުރެއްވީ ސްކޮޓްލެންޑްގެ މޮރޭހައުސް ކޮލެޖް އޮފް އެޑިއުކޭޝަންއިންނެވެ. އަދި 1975ގައި ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވައި، ޑިިޕާޓްމެންޓް އޮފް ވިމެންސް އެފެއާޒްގެ ރިސާޗް އޮފިސަރެއްގެ މަގާމު ފުރުއްވިއެވެ.

comment ކޮމެންޓް