ފަރަށް ނާރާކަމަށް ބުނެ ބާޖު ފުރައިފި، އީޕީއޭއިން ފުލުހަށް

ފުވައްމުލަށް ތޮށިލާ ސަރަހައްދަށް ފަރަށް އެރި ބާޖު ---

ޏ. ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެން އައި ބާޖެއް އެރަށު ފަރަށް އެރި މައްސަލަ ތަހުގީގްކޮށް ނިމުމުގެ ކުރިން ބާޖު ފުރައިގެން ދިޔުމުން އެންވަޔަރޮމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފުލުހަށް މައްސަލަ ހުށަހެޅުމަށް ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އެ ބާޖު ފަރަށް އުރިފައިވަނީ ނެރެ ހެދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ތަނާ ދިމާލުގައި އޮއްވާ އަރިއަޅާލައިން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު 'ސަން'އަށް ވިދާޅުވީ, ފުވައްމުލަކު ފަރަށް ބާޖެއް އެރި މައްސަލައިގެ ތަހުގީގު ނިމުމުގެ ކުރިން އެ ބާޖު ފުންކޮށްގެން ފުރައިގެން ގޮސްފައިވާ ކަމަށެވެ.

ފުވައްމުލަށް ތޮށިލާ ސަރަހައްދަށް ފަރަށް އެރި ބާޖު ---

"ބާޖު އޮޕަރޭޓްކުރާ އެޖެންޓް ވަނީ ބުނެފަ އެ ބާޖު ފަރަށް ނާރާ ކަމަށް. މައްސަލަ ތަހުގީގުކޮށް ނިމުމުގެ ކުރިން ފުރައިގެން ދިޔުމުން މިއަދު ފުލުހުންނަށް ހުށަހެޅުމަށް އީޕީއޭއިން ވަނީ ނިންމާފަ," ނައީމް ވިދާޅުވިއެވެ.

ބާޖު ފަރަށް ނާރާ ކަމަށް ބުނި ނަމަވެސް އޭގައި ހުރި ގިނަ އަދަދެއްގެ ހިލަތައް ހުރީ ފަރުމަތީގައި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އަދި އެތަނުގައި ބާޖު އޮއްވައި ނަގާފައި ހުރި ފޮޓޯތަކުން ޔަގީންވާ ގޮތުގައި އެ ބާޖު އޮތީ ފަރަށް އުރިފައި ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ޑެންމާކުގެ އެމްޓީ ހޯގާޑު ކުންފުނިން ހިންގާ އެ މަޝްރޫއަށް ހިލަ ހިފައިގެން އައީ އެމްއެމް އެކްސްޕޯޓުންނެވެ. މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓުގެ ބާޖުތައް ރާއްޖޭގެ ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަހަރަކު އެ ކުންފުނި ޖޫރިމަނާ ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް