އަހްމަދިއްޔާގެ އައު ސްކޫލެއް އެޅުމަށް ހުޅުމާލެ އިން ބިމެއް ދެނީ

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން --- ފޮޓޯ/ އަހްމަދިއްޔާ

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު ސްކޫލެއް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ބިމެއް ދޭން ނިންމައިފިއެވެ.

ސަރުކާރުން އެ ބިން ދޫކުރަން ނިންމާފައި ވަނީ ހުޅުމާލޭގެ ފޭސް އެކަކުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އާބަކްކޯއިން މިދިޔަ ހަފުތާގައި ވަނީ އެ ބިން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އާބަންކޯއިން ސްކޫލުތައް އިމާރާތް ކުރުމަށް ބިން ދޫކުރަނީ ހިލެއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 40ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވަނީ އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދޭނެކަމަށް ވިދާޅުވެފައި ކަމަށެވެ.

"އަހްމަދިއްޔާ އަކީ އަމިއްލަ މީހަކު ހިންގާ ސްކޫލެއް ނޫން. އަހްމަދިއްޔާ އަކީ ރައްޔިތުންގެ މަދަރުސާއެއް. އަހްމަދިއްޔާ އަކީ ސަރުކާރުގެ ހިއްސާ އޮންނަ މަދަރުސާއެއް. އެހެންކަމުން، ސަރުކާރުން އަބަދުވެސް ހުރިހާ ކަމެއްގަ އަހްމަދިއްޔާއަށް އެހީތެރކަން ދެއްވަމުން ފޯރުކޮށްދޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބިން ލިބުނުހާ އަވަހަކަށް އަހްމަދިއްޔާ ސްކޫލުގެ ބައެއް ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ހުޅުމާލޭގައި ހުޅުވާނެ ކަމަށެވެ.

"އެހެންވީމަ ކުރިއަށް އޮތް ތަނުގަ އަހްމަދިއްޔާގެ ޖާގަ އިތުރުވެގެންދާނެ. މިހާރުވެސް ހުޅުމާލެއިން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން އަހްމަދިއްޔާއަށް އެބަ އާދެ. އޭރުން އަހްމަދިއްޔާގެ ސްކޫލެއް ހުޅުމާލެގައި އިމާރަތް ކުރެވުނީމަ، ހުޅުމާލެއިން މާލެ އަންނަކުދިން، މާލެއަށް ނައިސް ހުޅުމާލޭގައި ހުރި ސްކޫލުން ކިޔެވޭނެ،" ރަޝީދު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން މާލޭގެ ސްކޫލުން ގިނަ ޖާގަތަކެއް ހުސްވާނެ ކަމަށާއި އަހްމަދިއްޔާއަށް ވަންނަން ބޭނުންވާ އިތުރު ކުދިންނަށް އެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދިއްޔާއަށް ބިން ލިބުނު ކަމުގައިވީ ނަމަވެސް މި އަހަރުގެ ތެރޭގައި ސްކޫލު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނުފެށޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ބޮޑު ބިމެއްކަމުން ވަގުތުން ވަގުތައް މަސައްކަތް ފަށަން އުނދަގޫ ވާނެ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުން، 44،000 އަކަ ފޫޓުގެ ބިމެއް ސަރުކާރުން ދޭން ނިންމާފަ މި އޮތީ. އެހެންކަމުން، އެތަނުގައި އިމާރަތެއް އަޅާ ހެދުމަކީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން،"

ރަޝީދު ވިދާޅުވީ އެ ބޭފުޅުންގެ ވިސްނުން ހުރީ މާ ބޮޑު އިމާރާތެއް އެ ބިމުގައި ނޭޅުނަސް 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެތަނުގައި ވަގުތީ އިމާރާތެއް އަޅައިގެން ނަމަވެސް ކިޔަވައިދިނުމުގެ ކަންކަން ފެށުމަށް ކަމަށެވެ.

"މިވަގުތުގެ ކަންތައްތައް ހުރިގޮތުން ވަގުތުން ދާއިމީ އިމާރާތެއް އެޅުމަކީ އުނދަގޫ ކަމެއް. ފުރަތަމަ ވަގުތީ އިމާރާތެއް އެޅުމަށްފަހު ދާއިމީ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާނީ. ދެން މިކަމާ މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އަދި ގޮތެއް ނިންމާނީ،" އޭނަ ވިދާޅުވިއެވެ.

އަޙްމަދިއްޔާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ފެންވަރު ރަނގަޅު ތަޢުލީމު ދަރިވަރުންނަށް އުނގަންނައިދޭ އެއް ސްކޫލެވެ. ކޮންމެ އަހަރެއްގެ ވެސް އޯލެވެލް އަދި އޭލެވެލްގެ މަތީ އަރުތަވެރިންގެ އިނާމުން އެކަން ސާބިތުވެއެވެ.

comment ކޮމެންޓް