ވޭލި ފުޓްސަލް ޗެލެންޖް: ފައިނަލަށް ހެންޑްސަމް އާއި ބައްތިރީސް

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ސެމީ ފައިނަލުގައި އެފްސީ ހައިނަސް އާއި އެފްސީ ހެންޑްސަމް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

ގއ. އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ފައިނަލުގެ ޖާގަތައް އެފްސީ ހެންޑްސަމް ޔުނައިޓެޑާއި އެފްސީ ބައްތިރީސް ހޯދައިފިއެވެ.

އެސޯސިއޭޝަން ފޯ ޔޫތު އެމްޕަވަމަންޓް އޮފް ގެމަނަފުށި (އަޔެގް) ޖަމިއްޔާގެ ފަރާތުން ގއ. ގެމަނަފުށީގައި ބާއްވާ އެ މުބާރާތް މި ފަހަރުު ޚާއްސަކޮށްފައިވަނީ ހަމައެކަނި ގެމަނަފުއްޓަށެވެ. އެ މުބާރާތުގައި އެ ރަށުން ނުވަ ޓީމަކުން ބައިވެރިވެފައިވެއެވެ. ނުވަ ޓީމުގެ ދެ ގްރޫޕަކަށް ބަހާލައިގެން ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ފައިނަލުގެ ޖާގަތައް ހެންޑްސަމް ޔުނައިޓެޑާއި އެފްސީ ބައްތިރީސް ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެފްސީ ހެންޑްސަމް ޔުނައިޓެޑުން އެފްސީ ހައިނެސް ބަލިކުރީ 5-6 ގެ ނަތީޖާއަކުންނެވެ. ފުރިހަމަ ވަގުތުގެ ތެރޭގައި ހެންޑްސަމްގެ އަހުމަދު ވިޖުދާނާއި އަލީ ހާފިޒް (ހާއްޕެ)، ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބުކުރި އިރު، އެޓީމުގެ އަނެއް ގޯލަކީ ހައިނަސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ މެޗުގައި ހައިނަސްގެ އިބްރާހިމް އަސްވާދު (ގަބޭ) ދެ ގޯލު ކާމިޔާބުކުރި އިރު، އެޓީމުގެ އަނެއް ގޯލަކީ ހޭންޑަސަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

"އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023"ގެ ސެމީ ފައިނަލުގައި އެފްސީ ބައްތިރީސް އާއި ލަނޑާ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އަޔެގް

ސެމީގެ ދެވަނަ މެޗުގައި ލަނޑާ އެފްސީ އަތުން އެފްސީ ބައްތިރީސް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބައްތިރީސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ޝާޒް އާއި ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

އެ މުބާރާތުގެ ފައިނަލަށް ބައްތިރީސް އާއި ހެންޑްސަމް ނުކުންނާނީ މިރޭ 9:00 ގައެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ "އަޔެގް ވޭލި ފުޓްސަލް ޗެލެންޖް 2023" ގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އަޔެގް ވޭލި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްނެޓެވެ.

comment ކޮމެންޓް