މަތިކޮމަންޑޫ ހިއްކައި ނިންމައި، އޯގަސްޓު މަހު ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފަށަނީ

މަތި ކޮމަންޑޫ ހިއްކުމުގެ މަސައްކަތް އޯގަސްޓު މަހު ނިމޭނެ --

(ށ. ކޮމަންޑޫން ޢާލިމް އަބްދުއްލަތީފް)

ށ. ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އޯގަސްޓު މަހު ފެށޭނެކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް އާޒިމް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ ވަނީ ކޮމަންޑުއަށް ވަަޑައިގެން އެ ރަށުގެ މަޝްރޫތައް ހިނގާ ގޮތް ބައްލަވައިލައްވައިފައެވެ.

އެ ރަށުގައި ހުންނަވާ ހުކުރު ދުވަހު އާޒިމް ވިދާާޅުވީ މަތި ކޮމަންޑޫ ނުހިއްކޭނެކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނި ކަމަށެވެ. ނަމަވެސް އޭނާ ދެއްވާ ޔަގީންކަމަކީ އޯގަސްޓު މަސް ނިމޭއިރު މަތިކޮމަންޑޫ ހިކިފައި އޮންނާނެކަމުގެ ޔަގީންކަން ކަމަށް ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން ބުނަމުންދިޔަ މަތި ކޮމަންޑޫ ނުހިއްކާނޭ. އަޅުގަނޑު ދޭ ޔަގީންކަމަކީ މަތިކޮމަންޑޫ އޯގަސްޓު މަސް ނިމޭއިރު އޮންނާނީ ހިކިފައޭ،" އާޒިމް ވިދާޅުވިއެވެ.

މަތިކޮމަންޑޫ ހިއްކައިފައި އޮތް ސަރަހައްދު --

އޯގަސްޓު މަހުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ފެށި އެ މަސައްކަތް ވެސް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ އުންމީދަކީ ވީ އެންމެ އަވަަހަކަށް މަޝްރޫއު ނިންމައިލުމަށްފަހު ރައްޔިތުންނަށް ފައިދާވާން ފެށުން ކަމަށެވެ.

"މި މަޝްރޫއަކީ ވަރަށް ބޮޑު މަޝްރޫއެއް. އޯވަ ނައިޓަކުން ނިންމައިލެވޭނެ މަޝްރޫއެއް ނޫންކަން ގަބޫލުކުރަން. އަޅުގަނޑުމެން ކުޑައިރުއްސުރެ ވެސް ދައްކާ ވާހަކައެއް މިއީ،" ސިނާން ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އޯގަސްޓު މަހު ފެށޭނެ --

ދެ ކޮމަންޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ.

ޖުމުލަ 249 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޮޑު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ތެރޭގައި ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރަން ވެސް ވަނީ ހަމަޖެހިފައެވެ.

މަތިކޮމަންޑޫ ބިން ހިއްކާ ނިމުމުން އެ ރަށާ އެއްފަޅެއްގައި އޮންނަ ކޮމަންޑޫއާ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ގުޅާލާނެއެވެ.

comment ކޮމެންޓް