ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށުން ---

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ދޭން ފަަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިދިޔަ ހޯމަ ދުވަހު ހެނދުނު އެ ޚިދުމަތް ފަށައި އެ ސަަރަހައްދުގެ ރަށެއްގެ އަންހެނަކަށް ފަރުވާދީފައިވާކަމަށެވެ.

ކީމޯތެރަޕީ ޚިދުމަތް ދެވޭނެ ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް އެ ހޮސްޕިޓަލުގައި ގާއިމްކުރި ކީމޯތެރަޕީ ޔުނިޓު ތަރައްގީ ކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ފަންނީ ތަޖުރިބާކާރުންގެ ލަފައާއެކުކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އެ ޚިދުމަތް ދިނުމަށް ވަކި ސަރަހައްދެއް މަރާމާތުކޮށް، ބަޔޯ ސޭފްޓީ ކެބިނެޓް އިންސްޓޯލްކޮށް، ޚިދުމަތް ދިނުމުގައި އަމަލުކުރާނެ އެސްއޯޕީތަކާއި ގައިޑްލައިންތައް ތައްޔާރުކޮށްފައިވާކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާނެ ނަރުހުންނަށް ތަމްރީނު ދީފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ސަރަހައްދުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ އެތައް އާއިލާއަކަށް ލިބޭނެ ލުޔަކަށް ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެެވެ. އަދި އެއީ ކީމޯގެ ޚިދުމަތް ހޯދުމަށް މާލެ ސަރަހައްދަށް ކުރާ ދަތުރުތައް މަދުކުރެވި، އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ނިސްބަތްވާ އުތުރުގެ ތިން އަތޮޅުގެ، މީހުން ދިރިއުޅުމުންދާ ސާޅީހަށް ވުރެ ގިނަ ރަށުގައި 70،000އަށްވުރެ ގިނަ މީހުން އުޅެއެވެ.

comment ކޮމެންޓް