މީރާގެ މުވައްޒަފުން ކެއާ ސޮސައިޓީއަށް 43،150 ރުފިޔާ ހަދިޔާކޮށްފި

މީރާގެ މުވައްޒަފުންގެ ފަރާތުން ކެއާ ސޮސައިޓީއަށް ފައިސާގެ ހަދިޔާއެއް ދެނީ --- ފޮޓޯ/ މީރާގެ ފޭސްބުކް ޕޭޖު

މޯލްޑިވްސް އައިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުން ކެއާ ސޮސައިޓީއަށް 43،150 ރުފިޔާ ހަދިޔާކޮށްފިއެވެ.

ކެއާ ސޮސައިޓީގެ އެކްޒެެކެޓިވް ބޯޑް މެމްބަރު މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް މިފަދަ އެހީތައް ލިބޭ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ކެއާ ސޮސައިޓީގެ ތަނެއް ހުޅުވަން. އެތަން ހެދުމަށް އެހީތެރިވުމުގެ ގޮތުން މިފަހަރު މީރާގެ މުވައްޒަފުން އެ ހަދިޔާ ކުރެއްވީ،" އޭނާ ވިދާޅުވިއެވެ.

ޝަފާއު އިތުރަށް ވިދާޅުވީ އަލަށް ހުޅުވޭ ތަނުން ވެސް ކެއާ ސޮސައިޓީގެ ކުދިންނަށް ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ތެރަޕީ، ވަން އޮން ވަން ސަޕޯޓު އަދި ކިޔަވައިދިނުމުގެ ޚިދުމަތްވެސް ލިބޭނެކަމަށް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެގޮތަށް ވޮކޭޝަނަލް ޓްރެއިނިންގެ އިތުރުން ވަޒީފާއަށް ކުދިން ތައްޔާރުކުރުމަށް ދެވޭ ތަމްރީނުތައް ވެސް ދޭނެއެވެ.

މިކަމާ ގުޅިގެން މީރާގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ މި ހަރަކާތަކީ މީރާގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށެެވެ.

"މި ހަމަ ކޮންމެ ކުއާޓާއެއްގަ ވެސް އަޅުގަނޑުމެން ކުރަމުން އަންނަ ކަމެއް. ދެން މި އަހަރު ނިންމީ ކެއާ ސޮސައިޓީއަށް ހަދިޔާ ކުރަން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މީރާގެ މުވައްޒަފުން މިކަން ކުރަމުން އަންނަނީ މީރާގެ ބަޖެޓުން ނޫންކަމަށާއި ހަދިޔާ ކުރާނެ ރުފިޔާ އެއްކުރަނީ މުވައްޒަފުންގެ އަމިއްލަ ޖީބުން ކަމަށެވެ.

comment ކޮމެންޓް