ފެން ބިލުގެ ޖޫރިމަނާ މައާފު ކޮށްދިނުމުގެ ޕްރޮގްރާމެއް ޑިސެމްބަރާ ހަމައަށް

ކަސްޓަމަރަކު ބިލު ދައްކަނީ --- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ބިލުތައް ދެއްކުމުގައި ފަހި ކޮށްދިނުމަށްޓަކައި އެ ކުންފުނިން ކުރިއަށް ގެންދާ ފެން ބިލު މައާފު ކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މި ޕްރޮގްރާމް ކުރިއަށް ދަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަަލަށް ކަމަށެވެ.

ބިލަށް ދައްކަން ޖެހޭ ޖުމުލަ ފައިސާ މި މުއްދަތުގެ ތެރޭގައި އެއް ފަހަރާ ދެއްކުމަށް ފަހު ލިޔުމަކުން ނުވަތަ މެއިލްއަކުން އެ ކުންފުންޏަށް އެކަން އެންގުމުން، ފެން ބިލުގެ ޖޫރިމަނާ މައާފު ކޮށްދޭނެއެވެ.

އެހެންކަމުން މި ފުރުސަތުގެ ބޭނުން މި އަހަރު ނިމުމުގެ ކުރިން ހިފާ، މުސްތަޤްބަލުގައި ޖޫރިމަނާ އެރިޔަނުދީ، ބިލުތަކަށް ޤަވާއިދުން ފައިސާ ދެއްކެވުމަށް އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް އިލްތިމާސް ކުރެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަކޮށް ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެެ.

ކުންފުނީގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ފެން ބިލު މަހުން މަހަށް ދައްކައި ޚަލާސް ކުރުމަށް އެމްޑަބްލިއުއެސްސީއިން ވަނީ އެދިފައެވެ.

މި ޕްރޮގްރާމާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ކަސްޓަމާ ކެއާ ސެންޓަރުގެ ނަންބަރު 105 އަށް ގުޅުއްވުމުން އެ މައުލޫމާތެއް ލިބޭނެއެވެ.

ފެން ބިލު މައާފް ކޮށްދިނުމުގެ ޕްރޮގްރާމަކީ 2019 ވަނަ އަހަރުން ފެށިގެން އެމްޑަބްލިޔުއެސްސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް