ފިޔާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފި

ހުޅޫމާލޭ ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ތަރުކާރީތަކެއް---

ޢީދު ބަންދާ ދިމާކޮށް، މާލޭ ވިޔަފާރި ބަނދަރުން ފިޔާ ނެރުން ލަސްވި ދަނޑިވަޅު ބަލައި ބައެއް ވިޔަފާރިތަކުން ފިޔާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އާންމު ގޮތެއްގައި މާލެ އަދި ހުޅުމާލޭގެ އާއްމު ގިނަ ފިހާރަތަކުން ފިޔާ ކިލޯއެއް ނުވަ ރުފިޔާ އާއި 12 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެންހުރެއެވެ. ނަމަވެސް މިދިޔަ ދެތިން ދުވަހު ބާޒާރުގެ ގިނަ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަމުން އައީ 15 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

"ސަން"ގެ ނޫސްވެރިން ބެލިބެލުމުން އެނގުނު ގޮތުގައި ހުޅުމާލޭގައި ހުންނަ މުދާ ހޯލްސޭލްކުރާ ފިހާރަތައް ކަމަށްވާ މުޑުވާލި އަދި އުފަންވެލިޝޮޕުން މިއަދު މެންދުރު ފިޔާ ހުސްވެފައިހުރިއިރު، އެސިޓީގެ ކުދި ފިހާރަތަކުގައި މިއަދު ފިޔާ ކިލޯއެއް ވިއްކީ 20 ރުފިޔާ އާއި 25 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ހުޅުމާލެ އަދި މާލޭގެ ބައެއް ފިހާރަތަކުން ފިޔާ ލިބުނު ނަމަވެސް ގިނަ ފިހާރަތަކުން ލިބެންހުރި ފިޔާތައް ހުރީ ހަލާކުވާން ކައިރިވެފައެވެ.

މާލޭގެ ފިހާރައެއްގައި މިއަދު ވިއްކަން ބަހައްޓާފައިހުރި ފިޔާތަކެއް--

މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ފިޔާ ކްލިއަކޮށްފައިވާއިރު، މާދަމާއިން ފެށިގެން ފިޔާގެ އަގަށް ހެޔޮ ބަދަލެއް އަންނާނޭކަމަށް ވިޔަފާރިވެރިން ބުނެއެވެ.

"ސަން" އާ ވާހަކަދައްކަމުން، ފުޅާ ދާއިރާއެއްގައި ހޯލްސޭލްކުރާ ވިޔަފާރިވެރިއަކު ބުނީ މިއަދު 1100 ބަސްތާ ފިޔާ ކްލިއާ ކޮށްފައިވާކަމަށާއި، ކުރިއެކޭ އެއްގޮތަށް ފިހާރަތަކަށް ފިޔާ ސަޕްލައިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މާލޭ ބާޒާރުގައި އާއްމުކޮށް ފިޔާގެ އަގު ބޮޑުވަނީ ރަމަޟާން މަހާ ދިމާކޮށެވެ. ނަމަވެސް ފިޔާ، އަލުވި އަދި ބިސް އަގުބޮޑުވިޔަނުދިނުމަށް އެސްޓީއޯއިން ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އެތަކެތި އެތެރެކޮށް ވިޔަފާރިތަކަށް ފޯރުކޮށްދެއެވެ.

ބައެއް ފަހަރު އިންޑިއާއިން ފިޔާ ހިފައިގެން އަންނަ ބޯޓުފަހަރު މޫސުމީ ވިއްސާރައިގެ ސަބަބުން އައުން ލަސްވެގެންވެސް މާލޭ ބާޒާރުގައި ފިޔާގެ އަގު އުފުލެއެވެ.

comment ކޮމެންޓް