ހިލަ ބަރުކޮށްފައި އޮތް އެމްޓީސީސީގެ ބާޖެއް ކުމުންދޫ ނެރުމައްޗަށް އުރިއްޖެ

އެމްޓީސީސީގެ ބާޖު ކުމުންދޫ ނެރު މައްޗަށް އަރަފަ -- ފޮޓޯ/ ކުމުންދޫ ކައުންސިލް

ހިލަ ބަރުކޮށްފައި އޮތް އެމްޓީސީސީގެ ބާޖެއް އިއްޔެ ހަވީރު ހދ. ކުމުންދޫ ނެރުމައްޗަށް އުރިއްޖެއެވެ.

މި ބާޖަކީ ކުމުންދޫ ނެރު ހެދުމުގެ މަސައްކަތަށް ހިލަ ހިފައިގެން އެރަށަށް ދިޔަ ބާޖެކެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ކުމުންދޫ ކައުންސިލް މެމްބަރު އަލީ އަންވަރު ވިދާޅުވީ، ބާޖު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ކުރިއެރުމެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ މަސައްކަތް ކުރަނީ ޓަގު ބޯޓެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެންމެ ޓަގު ބޯޓަކުން ބާޖު ފުންކުރުމުގެ މަސައްކަތް ކާމިޔާބު ވާނެކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ފަހަތަށް ވަރަށް ބަރުކޮށް އެ ބާޖު އޮތީ. އެކަކަމު މިވަގުތު މި ބޭނުންކުރަނީ އެންމެ ޓަގު ބޯޓެއް،" އޭނާ ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ، އެހާ ބޮޑު ބަރު ބާޖެއް ނެރުމައްޗަށް އުރުމުން ނެރަށް ވަރަށް ބޮޑު ގެއްލުމެއް ވާނޭކަމަށް ލަފާކުރެވޭކަމަށެވެ.

comment ކޮމެންޓް