އުދަ އެރި ނަމަވެސް ކުޅުދުއްފުށީ އެއާޕޯޓް ބަންދުކުރާ ހިސާބަކަށް ނުދޭ: ރިޒްވީ

ކުޅުދުއްފުށި ސިޓީ އެއާޕޯޓް

ކުޅުދުއްފުށި ސިޓީގެ އެއާޕޯޓް ރަންވޭއަށް މިއަދު އުދައެރި ނަމަވެސް އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައިނުވާކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޖެހެމުންދާ ބާރުވަޔާއެކު ބައެއް ރަށްރަށަށް ދަނީ އުދައިގެ އަސަރު ކުރަމުންނެވެ. މިގޮތުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކުޅުދުއްފުށީ އެއާޕޯޓް ރަންވޭއަށް ވަނީ އުދައަރާފައެވެ.

އަދި މިއަދު ޖެހުނު ގަދަ ވަޔާއެކު އެއާޕޯޓުގައި ޖަހާފައިހުރި ފެންސުގެ ބައެއްވަނީ ވެއްޓިފައެވެ.

"ސަން"އާ ވާހަކަދައްކަވަމުން ކުޅުދުއްފުށި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ރަންވޭއަށް އުދައެރި ނަމަވެސް، ރަންވޭ އާއި އިތުރު އެއްވެސް އެއްޗަކަށް ގެއްލުން ލިބިފައި ނުވާކަމަށެވެ.

"އުދަ އެރި އެހެންނަމަވެސް އެއާޕޯޓް އޮޕަރޭޝަނަކަށް ހުއްޓުމެއް ނާދޭ. އަދި އެއާޕޯޓް ބަންދެއްވެސް ނުކުރޭ،" ރިޒްވީ ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭއަށް އުދަ އަރައި ރަންވޭ ބަންދުކުރިކަމަށް ޚަބަރު ފެތުރުނު ނަމަވެސް، ކުޅުދުއްފުށީ އެއާޕޯޓް ރަންވޭ އޮންނަ ހުޅަނގު އުތުރު ކަނަކީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި އަބަދުވެސް އުދަ އަރާ ސަރަހައްދެއްކަމަށް އެރަށުން "ސަން" އާ ވާހަކަދެއްކި އިސް ރައްވެއްސަކު ބުންޏެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނޭކަމަށް މެޓް އޮފީހުން ބުނެއެވެ. މިގޮތުން ވިލާގަނޑުގައި 30 މޭލާ 40 މޭލާ ދޭތެރޭ ވައި ބާރުވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށި ސިޓީ ހިމެނޭކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

comment ކޮމެންޓް