މޭ ހައެއް ހަމަލާ: ތަހުމީނުގެ ދިފާއީ ހެކި ބަލައި ގަތުމަށް ހައި ކޯޓުން އަމުރުކޮށްފި

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ތަހުމީނު: އޭނާގެ ދިފާއީ ހެކި ބަލައި ގަތުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައި ---

ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކި ބަލައިގަތުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ދިފާއީ ހެކި ހުށަހެޅުމަށް ތަހުމީނަށް ފުރުސަތު ނުދިނުމަށެވެ. އެއީ ހެކި ހުށަހެޅުމަށް ދިން ފުރުސަތު ހަމަވެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ހެކި ހުށަހަޅާފައި ނުވާތީއެވެ. ނަމަވެސް ތަހުމީނުގެ ފަރާތުން ދިފާއުގައި ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ޞަފްޢަތު ޙަބީބް ވަނީ އެ ފުރުސަތު ދެއްވާފައެވެ.

އޭނާގެ ފަރާތުން ދިފާއުގައި ދެ ހެއްކެއް ހުށަހެޅިއެވެ. އެއީ ކުށުގެ އަމަލު ހިންގި ތަނުގައި އޭނާ ނެތް ކަން ސާބިތު ކޮށްދިނުމަށް ހުށަހެޅި ހެކީންނެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ދެ ހެކިން ބަލައިނުގަތުމަށް އެދިފައެވެ. ސަބަބެއް ކަމަށް ދައުލަތުން ފާހަގަކުރީ ތަހުގީގު ނުކުރާ އަދި ދިފާއުން ވެސް ތަހުގީގު މަރުހަލާގައި ނުދައްކާ ވާހަކައެއް ސާބިތުކުރުމަށް ހެކި ހުށަނޭޅޭނެ ކަމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ނިންމެވީ ކުށުގެ އަމަލު ހިންގި ތަނުގައި ނެތްކަން ސާބިތުކުރުމަށް ހުށަހެޅި އެ ދެ ހެކިން ބަލައި ނުގަތުމަށެވެ. ނަމަވެސް އެހެން ކަމެއް ސާބިތުކުރުމަށް އެ ތަނުން އެއް ހެއްކެއް ހުށަހަޅާފައިވާތީ އޭނާގެ ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ތަހުމީނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އިއްޔެ އެ ކޯޓުން ނިންމާފައިވަނީ އެ ދެ ހެކި ބަލައިނުގަނެވޭނެ ކަމުގައި ކަނޑައަޅަން ޖެހޭ ސަބަބެއް ނެތް ނެތް ކަމަށެވެ. އެހެންކަމުން ތަހުމީނަށް ހެކި ހުށަހެޅުމަށް ކްރިމިނަލް ކޯޓުން އަލުން ފުރުސަތު ދޭން ޖެހޭނެއެވެ.

ތަހުމީންގެ އިތުރުން ދެން އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދަނީ, މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާއި، މ. ކުދެހިގެ، އިސްހާގުގެ މައްޗަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް