އަލިދުއްފަރަށް ފައިސާ ދެއްކުމުގެ ފުރުސަތު، ދެވަނައަށް އަގުހުށަހެޅި ފަރާތަށް ލިބިއްޖެ

އަލިދުއްފަރުފަޅު

ރިސޯޓް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީމަހު ހުޅުވާލި ރަށްތަކުގެ ތެރެއިން ހއ. އަލިދުއްފަރުގެ ބިޑް ކާމިޔާބުކުރި ކުންފުންޏަށް ފައިސާ ނުދެއްކިގެން ދެވަނައަށް އަގުހުށަހެޅި ފަރާތަށް ފައިސާދެއްކުމަށް ފުރުސަތު ލިބިއްޖެއެވެ.

އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިގެން އަލިދުއްފަރުގެ ބިޑް ކާމިޔާބުކޮށްފައިވަނީ، ސަބް ސޯލާ އިންވެސްޓްމަންޓެވެ. އެކުންފުނިން ވަނީ އަލިދުއްފަރަށް 2.4 މިލިއަން ޑޮލަރު ހުށަހަޅާފައެވެ.

"ސަން" އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އިކުއިޒިޝަން ފީ ދެއްކުމަށް ސަބް ސޯލާ އިންވެސްޓްމަންޓަށް 60 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީވެ، އަލިދުއްފަރަށް ދެވަނައަށް އެންމެ ބޮޑު ބިޑް ހުށަހެޅި ކުންފުންޏަށް ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާކަމަށެވެ.

އަލިދުއްފަރުގައި ރިސޯޓެއް ހެދުމަށް ދެވަނައަށް ބިޑް ހުށަހެޅި ފަރާތުން ހުށަހަޅާފައިވަނީ 1.2 މިލިއަން ޑޮލަރެވެ.

ޖެނުއަރީ މަހު ރިސޯޓްހެދުމަށް ހުޅުވާލި ފުރުސަތުގައި ކުންފުނިތަކުން ބިޑް ހުށަހަޅާފައިވަނީވެސް ދެ ރަށަކަށެވެ. އެއީ އަލިދުއްފަރުގެ އިތުރުން ތ. އަތޮޅު އޮޅުވެލިފުއްޓަށެވެ. މީގެ ތެރެއިން އޮޅުވެލިފުށީގެ ބީލަން ވެސް ކާމިޔާބުކޮށްފައިވަނީ ސަބް ސޯލާ އިންވެސްޓްމަންޓުންނެވެ. އެ ކުންފުނިން ވަނީ އެރަށުގެ އިކުއިޒިޝަން ފީގެ ގޮތުގައި ދައްކަންޖެހޭ 1.4 މިލިއަން ޑޮލަރު ދައްކާފައެވެ.

އަލިދުއްފަރުގައި ރިސޯޓެއް ތަރައްގީކުރާނީ ފަޅުހިއްކައިގެންނެވެ.

އަލިދުއްފަރު ހޯއްދެވުމަށް މީގެ 12 ވަރަކަށް އަހަރުކުރިން މިހާރު ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޔޮޓް ޓްއާސްގެ ޗެއާމަން ޢަބްދުﷲ ޖާބިރުވެސް މަސައްކަތްކުރެއްވިއެވެ. ޖާބިރު އަލިދުއްފަރު ހޯއްދެވުމަށް އޭރު މަސައްކަތްޕުޅު ކުރެއްވި މައިގަނޑު ސަބަބަކީ އަލިދޫ ރިސޯޓްގެ ލޯންޗްތަކާއި ދޯނިތައް އެ ފަޅުގައި އެޅުމަށެވެ.

comment ކޮމެންޓް