ސާފް ޗެމްޕިއަންޝިޕް: 13 ވަނަ ފަހަރަށް އިންޑިއާ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި އިންޑިއާ އާއި ލުބުނާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް 13 ވަނަ ފަހަރަށް އިންޑިއާ ދަތުރުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ފައިނަލުގެ ޖާގައެއް ހޯދީ އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވަރުގަދަ ލުބުނާން ބަލިކޮށްގެންނެވެ. އިންޑިއާ އިން ކުރި ހޯދާފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ލުބުނާން ކުރިއަށްޖެހި، ވަރުގަދަ އެޓޭކެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ވެސް ފެނިގެންދިޔައެވެ. ކުރީކޮޅުގައި އިންޑިއާ އިން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފަހުން ކުޅުން ވަރުގަދަކޮށް، އެޓީމުން ވަނީ ނުރައްކާކޮށްފައެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ލުބުނާނަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުބުނާންގެ ނަދަރްް މަތަރް ފޮނުވާލި ހަމަލާ އިންޑިއާގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ޕެނަލްޓީ އެރިއާ ތެރެއިން ޒެއިން އަލް އަބިދީން ފޮނުވާލި ހަމަލާ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި އިންޑިއާ އާއި ލުބުނާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

މެޗުގެ 20 ވަނަ މިނެޓުގައި އިންޑިއާއަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިންޑިއާގެ ޕްރިތަމް ކޮޓާލް ބޮލުން ފޮނުވާލި ހަމަލާ ލުބުނާންގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ސިބާސިޝް ބޯސް ބޮލުން ފޮނުވާލި ހަމަލާ ވެސް ލުބުނާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ލުބުނާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ލުބުނާންގެ ކެޕްޓަން ހަސަން މާތޫކް ފޮނުުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ދެ ޓީމުން ވެސް ދިޔައީ އެޓޭކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ ލުބުނާން ކީޕަރު މެހްދީ ޚަލީލްއާ ދިމާއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ލުބުނާންގެ ކަރީމް ޑާވިޗް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހްއާ ދިމާއަށެވެ.

މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް، ލުބުނާނަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލުބުނާން ކެޕްޓަން ހަސަން މާތޫކް ފޮނުވާލި އެ ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އިތުރު ވަގުތުގެ ފުރަތަަމަ ހާފުގައި ނުރައްކާކޮށް ފެނިގެންދިޔައީ އިންޑިއާއެވެ. އިންޑިއާއަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 93 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ވެސް ޗެތުރީއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އުދަންތާ ސިންހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ފޮނުވާލި ހަމަލާ ދިޔައީ ލުބުނާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގެ ސެމީ ފައިނަލުގައި އިންޑިއާ އާއި ލުބުނާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ހާފުގެ ފަހުކޮޅު ވެސް އިންޑިއާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ލުބުނާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް މަސައްކަތްކުރީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށެވެ. އެގޮތުން މެޗުގެ 109 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ޚަލީލް ބަދަރް ފޮނުވާލި ހަމަލާ އިންޑިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، މެޗުގެ 113 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިންޑިއާގެ އުދަންތާ ސިންހް ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 120 ވަނަ މިނެޓުގައި އިންޑިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލާލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ، ލުބުނާންގެ ކީޕަރު މެހްދީ ޚަލީލް ވަނީ މަތަކޮށްފައެވެ. އިތުރު ވަގުުތުގެ ދެ ހާފުގައި ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން ދެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަށް ދާށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާ އިން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެއީ ކެޕްޓަން ސުނިލް ޗެތުރީ އާއި އަންވަރު އަލީ އާއި މަހޭޝް ސިންހް އަދި އުދަންތާ ސިންހް ފޮނުވާލި ޕެނަލްޓީއެވެ. ލުބުނާންގެ ކެޕްޓަން ހަސަން މާތޫކް ފޮނުވާލި ޕެނަލްޓީ އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް މަތަކުރި އިރު، ޚަލީލް ބަދަރްގެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. އެޓީމަށް ކާމިޔާބުކުރެވުނީ ވާލިދް ޝޫރް އަދި މުހައްމަދު ސަޑެކް ފޮނުވާލި ޕެނަލްޓީއެވެ.

ސާފް ޗެމްޕިއަންޝިޕް 2023ގެ ފައިނަލުގައި އިންޑިއާ އާއި ކުވައިތު ނުކުންނާނީ އަންނަ އަންގާރަ ދުވަހުއެވެ. މިއީ އިންޑިއާ އިން ފައިނަލުގައި ވާދަކުރާ 13 ވަނަ ފަހަރެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތެވެ. އިންޑިއާއަށް ފައިނަލުގެ ޖާގައެއް ލިބިފައިނުވަނީ ހަމައެކަނި 2023 ވަނަ އަހަރުއެވެ. އެ ފަހަރުގެ ފައިނަލުގައި ވާދަކުރީ ރާއްޖެ އާއި ބަންގުލަދޭޝްއެވެ.

comment ކޮމެންޓް