އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް 130 ޓީޗަރުން އިންޑިއާއަށް ފޮނުވަނީ

އަލްފާ ޕައިލެޓް ޕްރޮގްރާމުގެ ބައިވެރިން---

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ތެރެއިން 130 ޓީޗަރަކު އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް އަވައްޓެރި އިންޑިއާއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި އަވައްޓެރި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިން އިންސްޓިޓިއުޓް އޮފް އިންޑިއާ ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އަލްފާ ޕައިލެޓް ޕްރޮގްރާމުގެ ދަށުން މާދަމާ އިން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކޫނާގައި ހުންނަ އަލްފާ ޓްރެއިނިން ސްކޫލްގައެވެ. މިފަހަރުގެ ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ލިޓެރަސީ އެންޑް ނިއުމެރަސީ އަށެވެ.

މި ދަތުރާ ބެހޭގޮތުން ސަން އާ ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަޙްމަދު ވިދާޅުވީ، ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ޓީޗަރުން، އަލްފާ ޓްރެއިނިން ސްކޫލްގައި އެކްސަލަރޭޓެޑް ލާނިން ފޯ އޯލް މެތަޑް ބޭނުން ކޮށްގެން ކުލާސްރޫމުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ގޮތުގެ އަމަލީ ތަޖުރިބާ ހޯދާނެކަމަށެވެ.

އަލްފާ ޕައިލެޓް ޕްރޮގްރާމުގެ ބައިވެރިން އޮރިއެންޓޭޝަނުގައި---

ޑރ ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކިޔަވައިދިނުމުގައި ބޭނުންކުރާ އެކްސަލަރޭޓެޑް ލާނިން ފޯ އޯލް މެތަޑަކީ ކިޔަވައިދިނުމުގައި މުދައްރިސުން ބޭނުންކުރާ ތަފާތު ވައްޓަފާޅިއެއްކަމަށާއި، މި ދަތުރުގެ ސަބަބުން މުދައްރިސުންނަށް އެކަމުގެ ތަޖުރިބާ ލިބޭނެ ކަމަށެވެ.

އަލްފާގެ މާހިރުން ވަނީ މީގެކުރިން އޮންލައިނުކޮށް އަދި މާލެ ވަޑައިގެން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ތަމްރީނުތައް ދީފައެވެ.

މިގޮތުން މިހާރުވެސް ރާއްޖޭގެ 10 ސްކޫލެއްގައި އަލްފާ ލިޓަރެސީ އެންޑް ނިއުމެރަސީ ޕެޑަގޯޖީ ޕައިލެޓް ޕްރޮގްރާމް ހިންގަމުން އަންނަކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ ރާއްޖޭގެ މުއައްސަސާތަކުގެ އިތުރުން ޔުނިސެފް މޯލްޑިވްސް އަދި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ބައިވެރިވުމާއިއެކުއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އަންނަނީ ޓީޗަރުންގެ އިތުރުން ސްކޫލްތައް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ޕްރިންސިޕަލުންނަށް އަމާޒުކޮށްވެސް ރާއްޖެއިން ބޭރުން ފުރުސަތުތައް ހޯދައިދެމުންނެވެ. މިގޮތުން ޕްރިންސިޕަލުން ތަމްރީނުކޮށް އަމަލީ ތަޖުރިބާ ހޯދައިދިނުމަށް މިދިޔަ އަހަރުވެސް މެލޭޝިއާއަށް ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް