ބޫޓާން ބަލިކޮށް، ލުބުނާނުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޫޓާން ކޮޅަށް ގޯލު ޖެހުމަށްފަހު ލުބުނާންގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ސާފް ޗެމްޕިއަންޝިޕް 2023 ގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް، ލުބުނާނުން ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ބޫޓާން އަތުން ލުބުނާން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު "ގްރޫޕު ބީ" އިން ސެމީގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ލުބުނާނަށެވެ. ލުބުނާން ފައިދާ ގޯލުން ވެސް ވަރަށް ކުރީގައި އޮތް އިރު، އެޓީމު ވަނީ ފުރަތަމަ މެޗުގައި ބަންގުލަދޭޝް ވެސް ބަލިކޮށްފައެވެ. ހަ ޕޮއިންޓާއެކު އެއްވަނައިގައި ލުބުނާން އޮތް އިރު، ބަންގުލަދޭޝް އަދި ރާއްޖެއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ރާއްޖެއަށް ސެމީ ޔަގީންކުރެވޭނީ ފަހު މެޗުގައި ބޮޑު ތަފާތަކުން ލުބުނާން ބަލިކޮށްގެންނެވެ. ބަންގުލަދޭޝް ނުކުންނަން ޖެހޭނީ ބޫޓާނާ ދެކޮޅަށެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ވެސް ލުބުނާންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އެޓޭކިން ގޭމެކެވެ. މެޗު ފެށުނީއްސުރެ ލުބުނާނުން ވަނީ ބޫޓާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެކަމާ ގުޅިގެން ބޫޓާނަށް އެޓޭކިން ގޭމަކަށްވުރެ ބޮޑަށް ވިސްނަން ޖެހުނީ ޑިފެންސިވް ގޭމެއް ކުޅޭށެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ލުބުނާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އަލީ އަލް ހާޖް ފޮނުވާލި ހަމަލާއެއް ބޫޓާންގެ ކީޕަރު ޝެރިން ޑެންޑުޕް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަޑެކްއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ލުބުނާނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ އަލް ހާޖްއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ލުބުނާނުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޚަލީލް ބަދަރްއެވެ. އެ ބޯޅައަކީ ކޯނަރެއްގެ ތެރެއިން އޭނާއަށް ލިބުނު ބޯޅައެކެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ލުބުނާނުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ޚަލީލް ބަދަރް ފޮނުވާލި ހަމަލާއެއް ބޮލްކުވުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަހްދީ ޒެއިންއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގައި ލުބުނާނާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ފުރަތަމަ ހާފުގައި ބޫޓާނަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތަކީ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ފުރުސަތެކެވެ. ނިމާ ވަންގްޑީ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޫޓާންގެ ޓެންޒިން ނޯބޫ ބޮލުން ފޮނުވާލި ހަމަލާ ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ލުބުނާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކުރީކޮޅުގައި ބޫޓާނުން ރަނގަޅު ކުޅުމެއް ދައްކައި، ލުބުނާންގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީއަށް ވަނީ ކައިރިކައިރީގައި ބޫޓާންގެ ދެ ހަމަލާއެއް ދިފާއުކުރަން ޖެހުނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ ލުބުނާން ކީޕަރު އަލްދޫހީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ބޫޓާން ކެޕްޓަން ޗެންޗޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު އަލްދޫހީ ވަނީ މަތަކޮށްފައެވެ.

އޭގެ މިނެޓެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ބޫޓާން ކެޕްޓަން ޗެންޗޯ ޔެލްޓްޝެންއަށް ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީ ކުރި ފައުލަކާ ގުޅިގެން ބޫޓާނަށް ޕެނަލްޓީއެއް ވެސް ލިބިގެންދިޔައެވެ. ނަމަވެސް ޗެންޗޯ ފޮނުވާލި އެ ޕެނަލްޓީ، ލުބުނާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ބޫޓާންގެ ގޯލު ފެނިގެންދިޔައީ މެޗުގެ 79 ވަނަ މިނެޓުގައެވެ. ޑޯޖީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބޫޓާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ޗެންޗޯ ޔެލްޓްޝެންއެވެ. އެ ގޯލަކީ މި މުބާރާތުގައި ބޫޓާނުން ޖެހި ފުރަތަމަ ގޯލެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ލުބުނާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ މާކަބަވީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުބުނާންގެ ކެޕްޓަން ހަސަން މާތޫކް ފޮނުވާލި އެ ހަމަލާ ދިޔައީ ބޫޓާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތައް ކުޅުނު ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަސް އަދި ބުދަ ދުވަހުއެވެ. އަންނަ އަންގާރަ ދުވަހު "ގްރޫޕު އޭ" ގައި ނޭޕާލާއި ޕާކިސްތާން ބައްދަލުކުރާ އިރު، އިންޑިއާ އިން ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހު "ގްރޫޕު ބީ" ގައި ލުބުނާނާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ބަންގުލަދޭޝް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް އެސްއެސްނެޓްގެ ޗެނަލް ނަމްބަރު 10 އިން ފެންނާނެއެވެ.

comment ކޮމެންޓް