ސަރުކާރުން ކޯލިޝަން އެއްބަސްވުމާ ހިލާފްވެއްޖެ: އެމްއާރުއެމް

ރައީސް ޞާލިހާއި ރައީސް މައުމޫން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މި ސަރުކާރުން ކޯލިޝަން އެއްބަސްވުމާ ހިލާފްވެއްޖެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ވަނީ އޭރުގެ އިދިކޮޅު ހުރިހާ ޕާޓީތަކާއި ލީޑަރުންނާ އެކު ކޯލިޝަން ހަދައި ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.

ފަސް އަހަރުގެ ދައުރު ނިމެން ހަތަރު ވަރަކަށް މަސް ވެފައިވާއިރު ކޯލިޝަން އެއްބަސްވުން ރަސްމީކޮށް އުވާނުލި ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ބައެއް ބޭފުޅުން އަންނަނީ މަގާމުން ވަކި ކުރަމުންނެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމްއާރުއެމަށް ނިސްބަތްވާ އިސްމާއީލް ޒަބީހު, އެ މަގާމުން ވަނީ ވަކިކޮށްފައެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްއާރުއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, ޒަބީހަކީ ތައުލީމީ ގާބީލު ބޭފުޅެއް ކަމަށާއި އޭނާ މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި ކުއްލިއަކަށް ޒަބީހު މަގާމުން ވަކިކުރުމަކީ ނުހަނަ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ޒަބީހުއަކީ ހަވާލުކުރެއްވި މަގާމުގެ މަސްއޫލިއްޔަތު ނުހަނަ ފަރުވާތެރިކަމާ ތެދުވެރިކަމާ އިހްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެކެވެ," އެމްއާރުއެމުން ބުނެފައިވެއެވެ.

ފާއިތުވި ހަތަރު އަހަރާއި ހަތަރު މަހު ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނަވައިގެން ޒަބީހް ކޮށްދެއްވި މަސައްކަތްތައް އެމްއާރުއެމުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ސްޓޫޑަންޓް ލޯނުގެ އެޑްމިން ފީ ތިން ޕަސެންޓުން އެއް ޕަސެންޓަށް ކުޑަކުރިއިރު ޒަބީހް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް އެމްއާރުއެމުންް ވަނީ ބުނެފައެވެ.

ބައެއް ހާލަތްތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގެ ޒިންމާ ވެސް ޒަބީހް ނަންގަވާފައިވާކަން ފާހަގަކޮށް އެމްއާރުއެމުން ބުނީ, މިނިސްޓަރު ރާއްޖެއިން ބޭރަށް ރަސްމީ ދަތުރުތަކުގައި ވަޑައިގަތުމުން މިނިސްޓްރީގެ ހިންގުމާ ހަވާލުވެ ޒިންމާއަދާކުރުމުގައި އިޚްލާސްތެރިކަމާއެކު މިނިސްޓަރުގެ އިރުޝާދުގެ ދަށުން އޭނާ މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

"ޕާޓީއާ މަޝްވަރާނުކުރައްވާ އަދި ވަކި ސަބަބެއް ބަޔާން ކުރެއްވުމެއްނެތި ކޯލިޝަން އެގްރީމެންޓާ ޚިލާފަށް ސަރުކާރުން މި ނިންމުން ނިންމާފައިވާތީ މި ޕާޓީން ކަންބޮޑުވަމެވެ," އެމްއާރުއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސިޔާސީ މަގްސަދު ހާސިލް ކުރެވޭނެކަމަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ޝަރުތު ހަމަނުވާ ގިނަ އަދަދެއްގެ ބަޔަކަށް ހަދިޔާ ބަހާ އުސޫލުން ސިޔާސީ މަގާމް ދިނުމަކީ ގައުމަށް ނުހަނު ގެއްލުން ބޮޑު ކަމެއް ކަމުގައި އެމްއާރުއެމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް