ވެގްނާ ގްރޫޕުގެ ނުކިޔަމަންތެރިކަމުގެ ހަރަކާތްތަކަކީ ޚިޔާނާތެއް، އެކަން ހުއްޓުވާނަން: ޕޫޓިން

ރަޝިއާގެ ރައީސް ވްލަދިމިޔަރ ޕޫޓިން

މޮސްކޯ (24 ޖޫން 2023): ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުނި ކަމަށްވާ ވެގްނަރ ގުރޫޕާ ދެކޮޅަށް ރަޝިއާ ސިފައިން ވައިގެ މަގުން ހަމަލާތަކެއް ދިންކަމަށް ބުނެ އެޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޮރިން ރަޝިއާގެ ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް ހިނގަންފެށި ހަރަކާތްތަކަކީ ނުކިޔަމަންތެރިކަމާއި ބަޣާވާތުގެ އަމަލެއްކަމަށާއި އެކަމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ރައީސް ވްލަދިމިޔަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ވެގްނާ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޮރިން ރަޝިއާ ސިފައިންނާ ދެކޮޅަށް ފާޅުގައި ނުކިޔަމަންތެރިކަން (ބަޣާވާތް) އިއުލާނުކުރުމާ ގުޅިގެން ރަޝިއާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ދާދި ދެންމެއަކު ދެއްވި ޚިތާބެއްގައި ޕްރިގޮރިންގެ ނަން ހާމަނުކުރައްވައި ޕޫޓިން ވިދާޅުވީ ވެގްނާ ގުރޫޕުގެ ބަޔަކު ހިންގަން ފަށާފައިމިވަނީ ބަޣާވާތުގެ އަމަލެއްކަމަށާއި އެކަމަށް ކުޑަވެސް ދުލެއް ނުދެވޭނެކަމުގައެވެ.

ރަޝިއާގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބުގައި ޕޫޓިން ވިދާޅުވީ މިއީ ފަހަތުން ވަޅިޖެހުމުގެ އަމަލެއްކަމަށާއި މިއީ ގައުމީ ފެންވަރުގެ ޚިޔާނާތެއްކަމުން ވަރަށް ހަރުކަށިކޮށް މިކަމަށް ރައްދުދޭނެކަމުގައެވެ. އަޚުންގެ ގޮތުގައި ގުޅިގެން ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދަނިކޮށް އަޚުންނާ ދެކޮޅަށް ހަތިޔާރު އުފުލުމަކީ ގައުމަށް ޚިޔާނާތްތެރިވުންކަމަށާއި އެއީ އާދައިގެ ކަމެއްނޫންކަމުން އެކަން ކުރިބަޔަކު އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ވެގްނާ ގުރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޮރިން އަކީ ޕޫޓިންގެ ރަހުމަތްތެރިއެކެވެ. އޭނާ ރަޝިއާގެ ދިފާއީ ވަޒީރާއި ސިފައިންގެ ވެރިޔާ އާ ދެކޮޅަށް ބަޔާންތައް ދިން ނަމަވެސް ޕޫޓިން އާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޕޫޓިންވެސް ޕްރިގޮރިންގެ ނަން ވިދާޅެއް ނުވެެއެވެ.

ވެގްނާ ގްރޫޕުގެ ލީޑަރު ޔެވްގްނީ ޕްރިގޮރިން

ޕޫޓިން ވިދާޅުވިގޮތުގައި ބަޔަކު ހިންގަންފެށި ނުކިޔަމަންތެރިކަމުގެ މިއަމަލަކީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ގައުމަށް ޚިޔާނާތްތެރިވުންކަމަށާއި އެކަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަރަށް ހިތި އަދި ހަރުކަށި ގޮތަކަށް އަޅާނެކަމުގައެވެ. ނަމަވެސް ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަން ޕޫޓިން ވިދާޅުވިއެވެ.

ވެގްނާ ކުލީ ސިފައިންގެ ގުރޫޕަކީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގައި ރަޝިއާ ސިފައިންނަށް އެހީތެރިވުމަށްޓަކައި ޔުކްރެއިންގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެކެވެ. އެފްރިކާގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކަށް އަމަނާބެހޭގޮތުން އެހީތެރިވުމުގައި ރަޝިއާ ސަރުކާރުން ފޮނުވައިގެން މިޖަމާއަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދެއެވެ.

އެމެރިކާއަށް ބަލާނަމަ މިއީ އެމެރިކާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ބްލެކް ވޯޓާ ޖަމާއަތްފަދަ ޖަމާއަތެކެވެ. ބެލްކްވޯޓާ ޖަމާއަތްވެސްވަނީ އެމެރިކާ ސިފައިން އިރާގުގައި ހަރަކާތްތެރިވި ދުވަސްވަރު އެމެރިކާ ސިފައިންނަށް ވާގިވެރިވުމަށް އިރާގަށް ފޮނުވާފައެވެ.

ރަޝިއާ ދާދިފަހުން ހިފި ޔުކްރެއިންގެ ބަޣްމޫތު ސަރަހައްދު ހިފުމުގައިވެސް ބިންމަތީ ހަނގުރާމައިގެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ވެގްނާ ގުރޫޕުންނެވެ. ނަމަވެސް އެގުރޫޕްގެ ވެރިޔާ ޔެވްގެނީ ޕްރިގޮރިން އާއި ރަޝިއާގެ ސިފައިންގެ ކޮމާންޑަރުންނާ ދެމެދު ވަރަށް ގިނައިން މައްސަލަ ޖެހެމުން ދެއެވެ. އަދި ވާދަވެރިކަންވެސް ބޮޑެވެ.

ޕްރިގޮރިން ބުނާގޮތުން އެންމެ ބޮޑު މައްސަލައަކީ އޭނާގެ ޖަމާއަތުން ޔުކްރެއިން ސިފައިންނާ ދެކޮޅަށް ހޯދާ ކާމިޔާބީތަކުގެ މެޑެލްޖަހަން ރަޝިއާގެ ކޮމާންޑަރުން މަސައްކަތްކުރުމެވެ. އަނެއްކަމަކީ ވެގްނާ ގުރޫޕަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް ރަޝިއާގެ ދިފާއީ ވުޒާރާ ފަސްޖެހުމެވެ.

ރަޝިއާގެ ދިފާއީ ވަޒީރު ޝްވީގޯ އަދި ރަޝިއާ ސިފައިންގެ ކޮމާންޑަރު އާމީ ޗީފް އޮފް ޖެނެރަލް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯވް

ނަމަވެސް މިކޯޅުންތައް މިހާރުވަނީ ނުކިޔަމަންތެރިކަމަކަށް ބަދަލުވެފައެވެ. ޕްރިގޮރިން ވަނީ ރަޝިއާގެ ދިފާއީ ވަޒީރު ސަރްގީ ޝުވީގޯރ އާއި ރަޝިއާ ސިފައިންގެ ކޮމާންޑަރު އަދި ޗީފް އޮފް ޖެނެރަލް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯވް މަގާމުންދުރުކޮށް އެދެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އޭނާއާ ހަވާލުކުރުމަށް ރައީސް ވްލަދިމިޔަރ ޕޫޓިން އަށް ގޮވާލާފައެވެ.

މިގޮތަށް ކަންތައް ނުކޮށްފިނަމަ ވެރިރަށް މޮސްކޯއާ ދިމާއަށް މިސްރާބު ޖަހާނެކަމުގެ އިންޒާރުވެސް ޕްރިގޮރިން ވަނީ ދީފައެވެ. ޕްރިގޮރިން ގެ އަމުރަށް ވެގްނާ ގްރޫޕްގެ ބައެއް ހަނގުރާމަވެރިން މިހާރުވަނީ ޔުކްރެއިންގެ ހަނގުރާމައިގެ މައިދާން ދޫކޮށް ރަޝިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ދެކުނުގެ އަވަށެއް ކަމަށްވާ ރަސްތޮފް އަށް ވަދެގެންފައެވެ.

ރަސްތޮފް އަށް ވަދެގަތުމަށްފަހު ޕްރިގޮރިން ސޮއިކޮށް ވެގްނާ ގުރޫޕުން ނެރުނު ބަޔާނެއްގައި، އެވިލެޖްގައިވާ ރަޝިއާ ސިފައިންގެ ހުރިހާ މަރުކަޒުތަކެއް ވެގްނާ ގްރޫޕުގެ ކޮންޓްރޯލްގެ ދަށަށްގެނަސްފައިވާ ކަމަށާއި އޭގެތެރޭގައި އެތަނުގައި އޮންނަ އެއާޕޯޓްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ. އަދި ވެގްނާ ގުރޫޕާ ދެކޮޅަށް ހަރަކާތްތެރިވަމުންދިޔަ ރަޝިއާ ސިފައިންގެ ހެލިކޮޕްޓަރެއް ވައްޓާލިކަމަށްވެސް ބުނެފައިވެއެވެ.

ގައުމާ މުޚާތަބު ކުރައްވައި ޕޫޓިން ދާދި ދެންމެއަކު ދެއްވި ޚިތާބުގައި ވެގްނާ ގްރޫޕުގެ ބައެއް ހަނގުރާމަވެރިންގެ ނުކިޔަމަންތެރި އަމަލުތަކުގެ ސަބަބުން ރަސްތޮފްގެ ހާލަތު ވަރަށް ގޯސްކަމަށް ޕޫޓިން އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް ރަޝިއާ ސިފައިން ގެންދަނީ އެހާލަތާ ކުރިމަތިލުމަށް ވަންޖެހޭ ތައްޔާރީތައް ވަމުންކަމަށާ ރަޝިއާ ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ކަމެއް އެތަނުގައި ނެތްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވިގޮތުގައި ރަޝިއާގެ މުސްތަގްބަލު އަމާންކުރުމަށްޓަކައި ރަޝިއާ ސިފައިން ބޭރުގެ ދުޝްމަނުންނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ކުރަމުންގެންދާ މިދަނޑިވަޅުގައި ވެގްނާ ގްރޫޕުގެ ބައެއް ފަރާތްތަކުގެ މިއަމަލުގެ ސަބަބުން ރަޝިއާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.

ނަމަވެސް ރަޝިއާ ސިފައިންގެ އިޚުލާސްތެރިކަމާ އަދި ރައްޔިތުންގެ ހިތްތަކުގައިވާ ވަތަނީ ރޫހާއި އެއްބައިވަންތަކަމުގެ ސަބަބުން މިގޮންޖެހުންތަކުން ވަރަށް އަވަހަށް ރަޝިއާއަށް އަރައިގެނެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ޕޫޓިން ވިދާޅުވިއެވެ.

ވެގްނާ ގްރޫޕުގެ އާމްދަނީއަކީ ރަޝިއާ ސަރުކާރާ ގުޅިފައިވާ އެއްޗެކެވެ. އެގްރޫޕުން ހިންގަނީ ރަޝިއާ ސަރުކާރުން ފައިސާ ލިބޭ ހަނގުރާމައިގެ މަޝްރޫއުތަކެވެ. އެހެންކަމުން ރަޝިއާ ސަރުކާރާ ދެކޮޅަށް ތެދުވެެގެން އެގްރޫޕުގެ ކޮމާންޑަރުންނާ އަދި ހަނގުރާމަވެރިންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ.

ވެގްނާ ގްރޫޕްގެ ކޮމާންޑަރުންނަކީ ރަޝިއާ ސިފައިންގެ ރިޓަޔަޑް ޖެނެރަލުންނާއި ރަޝިއާގެ އާންމުންގެ ކުލީ މީހުންނާ އަދި ބޭރު ގައުމުތަކުގެ ކުލީ މީހުންނެވެ. އެޖަމާއަތަކީ ވައިގެ ބާރުތައް ނެތްނަމަވެސް އެއްގަމު ހަނގުރާމައަށް ވަރަށް ފަރިތަ އަދި ޕްރޮފެޝަނަލް ބައެކެވެ.

މުރާސިލުން ބުނާގޮތުގައި ރަޝިއާގެ ދިފާއީ ވުޒާރާއާއި އެގައުމުގެ ޖާސޫސީ އިދާރާ ގުޅިގެން މިހާރު ގެންދަނީ ސިފައިންނާއި ފުލުހުންގެ އެހީގައި ވެގްނާ ގްރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޮރިން އަތުލައިގަނެ އޭނާ ހައްޔަރުކުރުމަށް ސިއްރިޔާތުގައި ވަރަށް ވަރުގަދަ އޮަޕރޭޝަނެއް ހިންގަމުންނެވެ.

އެއީ ޕްރިގޮރިން ހައްޔަރު ކުރެވިއްޖެނަމަ އެ ގްރޫޕުގެ ނުކިޔަމަންތެރިކަން ފަސޭހައިން ނިމުމަކަށް ގެނެވޭނެތީއެވެ. ޕްރިގޮރިން އިތުރުން ދެންތިބި އެޖަމާއަތުގެ މައިދާނީ ކޮމާންޑަރުންނަކީ އެހާގޮންޖެހުން ބޮޑު އަދި އަމިއްލަ އެދުން އެހާ ބޮޑު އަދި ރަޝިއާގެ ދިފާއީ ވުޒާރާއަށް ގޮންޖެހުމުގެ ވިސްނުން ގެންގުޅޭ ބައެއް ނޫންކަމަށްވެއެވެ.

މިއާއެކު ރަޝިއާ ސަރުކާރުން ގެންދަނީ ރަޝިއާ ސިފައިންގެ ކޮމާންޑްގެ ދަށަށް ވެގްނާ ގްރޫޕުގެ ކޮމާންޑް ގެނަސް ރަޝިއާގެ ލަޝްކަރުތަކާއި ވެގްނާ ގްރޫޕަކީ އެއްކޮމާންޑެއްގެ ދަށުން މަސައްކަތްކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަން ރަޝިއާގެ ޕާލަމެންޓްގެ ރައީސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

މައްސަލައަކީ ވެގްނާ ގްރޫޕް ވަކި ކޮމާންޑެއްގެ ދަށުން މަސައްކަތްކުރާތީ ކަމަށް ރަޝިއާގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ވެގްނާ ގްރޫޕުގެ ނުކިޔަމަންތެރިކަމާ ގުޅިގެން ރަޝިޔާގެ ވެރިރަށް މޮސްކޯ އާއި އެގައުމުގެ ބޮޑެތި ސިޓީތަކާއި މުހިއްމު ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށްވަރުގަދަކޮށްފައެވެ. މިގޮތުން ރަޝިއާ ސަރުކާރުގެ އޮފީސްތައް ހުންނަ އިމާރާތްތަކާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަނާއި ޝޮޕިންމޯލްތަކާއި ބޭންކްތަކުގައި ފުލުހުން ވަނީ ހަތިޔަރާއެކު ފޯރިމަރަން ފަށާފައެވެ. ވެގްނާ ގްރޫޕުގެ މި ނުކިޔަމަންތެރިކަމަކީ ޔުކްރެއިން އަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ. އަދި މިއީ ރަޝިއާ އާ ދެކޮޅަށް ޕްރޮޕަގެންޑާތައް ފެތުރުމަށް އެމެރިކާއާއި ނޭޓޯއަށް ލިބޭ ވަރަށް ފަހި ފުރުސަތަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް