މުޅި އުމުރު ގޭތެރެއިން ލިބޭ އަނިޔާގައި: އިދާރާތައް ހިމޭނުން

ޖިންސީ ގޮނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގުރޭޑު ނުވައެއްގައި ހުއްޓައި ކިޔެވުމަށް ދަތިވެ، އުނދަގޫވާން ފެށީމާ ކިޔައިދިނީ. މައްސަލަ ހުށަހެޅީމާ ގޭ މީހުން ބުނީ، ކީއްކުރަންހޭ ބުނީ، އަސްލު ބުނާކަށް ނުޖެހޭނޭ. ބުނީ ރެޕިއުޓޭޝަން ގެއްލިދާނެއޭ،"

މިއީ ކުޑައިރު ތަކުރާރުކޮށް ޖިންސީ އަނިޔާ ލިބި، އެ ވޭނުން އަރައިނުގަނެވެނީސް އަމިއްލަ ގޭ ތެރެއިން ޖިސްމާނީ އަނިޔާތަކާ ކުރިމަތިވި ކުއްޖަކު ކުރަން ޖެހިފައިވާ ވޭނީ ދަތުރުގެ ވާހަކައެވެ. އިދާރާތަކަށް މައްސަލަ ހުށަހެޅުމުން ވެސް އަލިމަގެއް ނުފެނި، ދިރިއުޅުމުގައި ފަތަން ޖެހިފައިވާ ވޭނީ ކަނޑުގެ ބިޔަ ރާޅުތަކުގެ ވާހަކަތައް ހިއްސާ ކުރީ އެ ކުއްޖާއެވެ. އަދި، އެ ކުއްޖާގެ ކަންކަން ގާތުން ފެނުނު، ރަހުމަތްތެރިންނާއި، އަވަށްޓެރިން ވަނީ މި ވާހަކަތައް "ސަން"އާ ހިއްސާ ކޮށްފައެވެ.

ދެކުނުގެ ރަށެއްގައި އުޅެމުން ދިޔަ މި ކުޑަ ކުއްޖާއަށް ގޭ ދޮށުގައި އުޅުނު މީހެއްގެ ފަރާތުން ޖިންސީ ގޯނާ ލިބެން ފެށީ ގުރޭޑު ތިނެއްގައި އުޅެނިކޮށެވެ. ގުރޭޑު ހަތަކަށް ދަންދެން ތަކުރާރުކޮށް، އެކި ދުވަސް މަތިން އެ އަނިޔާ ލިބެމުން ދިޔައެވެ.

ފުރަތަމަ އެއީ މާ ބޮޑު ކަމެއްހެން ހީނުވި ނަމަވެސް ފަހުން ކިޔެވުމަށް ހުރަސް އެޅެން ފެށީއެވެ. އާންމު ދިރިއުޅުން އުޅެން ތަކުލީފަކަށް ވީއެވެ. އެ ކަމުން އަރައިނުގަނެވި އުޅެނިކޮށް، ދެން އަނިޔާ ލިބެން ފެށީ ގޭ ތެރެއިންނެވެ. އެކަން އާއިލާއާއި އިދާރާތަކުގެ ސަމާލު ކަމަށް ވެސް ގެނައެވެ. އެކަމަކު، އެ ކުޑަކުއްޖާ އަދިވެސް ހުރީ އެ ހާލަތުގައެވެ. އަނިޔާ ލިބޭ މާހައުލުގައެވެ.

އާއިލާއަށް ގޯސްވީ މައްސަލަ ޖެއްސުން

އެ ކުއްޖާ ކިޔައިދިން ގޮތުގައި އެންމެ ކުޑައިރު ލިބުނު ޖިންސީ ގޯނާގެ ސަބަބުން އޭނާގެ ކިޔެވުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅުނެވެ. ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވެއެވެ. ގިނަ ވަގުތު އިނދެވެނީ ޚިޔާލެއްގެ ތެރޭގައެވެ. އެ ހަނދާންތަކާ ދުރަކަށް ނުދެވެއެވެ.

އެހެންވެ، ކުޑައިރު ކުރިމަތިވީ ޖިންސީ ގޯނާގެ މައްސަލަ ކުއްޖާ އަމިއްލައަށް އިދާރާތަކަށް ހުށަހެޅީ 2019 ވަނަ އަހަރެވެ. އެ މައްސަލަ ހުށަހެޅުމުން، ޖެންޑާ މިނިސްޓްރީންނާއި ފުލުހުން އައިސް ބަޔާން ނަގައި ސުވާލު ކުރި ކަމަށާއި އެކަމަކު، އެ ކަމުގެ އެއްވެސް ތަފުސީލެއް އޭގެ ފަހުން ހިއްސާ ކޮށްފައިނުވާ ކަމަށް އެ ކުއްޖާ ކިޔައިދިނެވެ.

ކުޑައިރު ޖިންސީ ގޯނާ ކުރީ އެއްކޮށް އުޅުނު އޭނާއަށް ވުރެ ދޮށީ މީހެކެވެ. އެ މީހާ ވެސް އަދިވެސް މިނިވަންކަމާ އެކު އުޅެމުން އަންނަ ކަމަށް އެ ކުއްޖާ ކިޔައިދިނެވެ.

"ޑޮކްޓަރަށް ވެސް ދެއްކި، އެކަމަކު ނަތީޖާއެއް ވެސް ނުބުނޭ،" އެ ކުއްޖާ ކިޔައިދިނެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެ މައްސަލަ ހުށަހެޅުމުން ކަން ދިމާވީ އޭނާ ހީކޮށްގެން ހުރި ގޮތަކަށް ނޫނެވެ. އާއިލާގެ ފަރާތުން، އެއްވެސް އަޅައިލުމެއް އޯގާތެރިކަމެއް ނުލިބުނެވެ. އެ މީހުން ހިތްހަމަނުޖެހުނީ، އެ ކުއްޖާ ދެކެއެވެ. މައްސަލަ ހުށަހެޅީމާ، އާއިލާގެ އަގު ވެއްޓިދާނެ ކަމަށް ބުނެއެވެ.

"މަންމައާއި ބައްޕަ ބުނީ، ކީއްވެހޭ މައްސަލަ ހުށަހެޅީ. އަސްލު ބުނާކަށް ނުޖެހޭނެއޭ. ރެޕިއުޓޭޝަން ގެއްލިދާނެއޭ،" އެ ކުއްޖާ ކިޔައިދިނެވެ.

އެ ދުވަހު ބޭނުންވި އަޅައިލުމެއް ގޭތެރެއަކުން ނުލިބުނެވެ. މައިންބަފައިން ގަބޫލުކުރީ ގުރޭޑު ތިނަކުން ފެށިގެން ހަތަކާ ޖެހެންދެން، ގޭ ކައިރީގައި އުޅުނު އޭނާއަށް ވުރެ ދޮށީ ކުއްޖެއްގެ ފަރާތުން ތަކުރާރުކޮށް ލިބުނު ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން ގެއްލޭނީ އެ ކުއްޖާގެ "ރެޕިއުޓޭޝަން" ކަމަށެވެ.

އެ ކުއްޖާގެ އަވަށްޓެރިއަކު ކިޔައިދިން ގޮތުގައި އަނިޔާ ލިބުނު ކުޑަކުއްޖާ ކުރިން ޓިއުޝަނަށް އެ މީހާގެ ގެއަށް އައިއިރުގައި ވެސް ކުޑަކުއްޖާގެ ފަހަތުގައި އެ ކުއްޖާގެ މަންމަ އަބަދު ވެސް ހުންނަނީ "ވިއްދައިފަ"އެވެ.

"މަގޭ ހިތަށް އެރި ހަމަ، މީނަ ކީއްވެބާއޭ ކޮންމެ ދުވަހަކު އައިސް އޭނަ ކައިރީ ގޮނޑި އަޅައިގެން އެ އިންނަނީ. ޓީޗަރަށް ވެސް ހަމަ އުނދަގޫ ވާނެތާއޭ. މާ ފަހުން މި އިނގުނީ، އެކުވެރި ކުއްޖާއަށް އެ ވާހަކަތައް ކިޔައިދިނީމާ، ވާހަކަތައް ކިޔައިދީފާނެތީ އެ އިންނަނީ އައިސް،" އަވަށްޓެރި މީހާ ކިޔައިދިނެވެ.

ގޭ ތެރެއިން ވެސް އަނިޔާ، އަދިވެސް އެ މާހައުލުގައި

އެ ކުއްޖާއާ ހަވާލާދީ، އެ ކުއްޖާގެ ގިނަ ކަންކަން މިހާރު ބަލަހައްޓަމުން އަންނަ މީހާ ކިޔައިދިން ގޮތުގައި އެ ކުއްޖާގެ ބައްޕަގެ ފަރާތުން ވެސް ވަނީ ޖިންސީ ގޯނާ ކުރިމަތިވެފައެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހާ ކުޑައިރު ލިބުނު އަނިޔާތަކުން އަރައިނުގަނެވި، އެކަށިގެންވާ ފަރުވާއެއް ނުލިބި ހުއްޓައި ދެން އަނިޔާ ލިބުނީ ގޭ ތެރެއިންނެވެ. އެ ކުއްޖާ ކިޔައިދިން ގޮތުގައި އެއްބަނޑު އެއްބަފާ ބޭބެ ރުޅިގަދަވުމުން، ތަކުރާރުކޮށް އެ ކުއްޖާގެ ގައިގެ އެތައް މި ތަނުގައި ތަޅާ އަނިޔާ ކުރެއެވެ.

"މިދިޔަ 2020 އިން ފެށިގެން ބޭބެގެ ފަރާތުން އަނިޔާ ލިބެމުން އައީ،" އެ ކުއްޖާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން އެ ކުއްޖާގެ ބޭބެ އައީ ތަކުރާރުކޮށް އޭނާއަށް ޖިސްމާނީ އަނިޔާ ކުރަމުންނެވެ. އަދި، މައިންބަފައިން ކުރިމަތީގައި އެ އަނިޔާ ކުރާއިރު، އެކަން ހުއްޓުވަން އެންމެ އެކަށިގެންވާ މަސައްކަތެއް އާއިލާއިން ކުރާ ކަމަކަށް އެ ކުއްޖާ ގަބޫލެއް ނުކުރެއެވެ.

އެ ކުއްޖާ ކިޔައިދިން ގޮތުގައި ބޭބެގެ އިތުރުން، ގޭ ތެރޭގައި މަންމައާއި ބައްޕަ އެ ކުއްޖާއަށް ފެންނަ ގޮތަށް ޖިންސީ އަމަލުތައް ވެސް ހިންގައެވެ. ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ދެއްކުމަކީ ގާނޫނީ ކުށެކެވެ.

"މަންމަގެ ރައްޓެއްސެއް ގޭގައި ހުއްޓައި، އެ ގޭ ދައްތައަށް ފެނުނީ އަނިޔާ ލިބިފައި ހުރިތަން. ދެން އެހީ ކިހިނެއް ވެފައިހޭ. އެހީމާ ކިޔައިދިނީ ހަމަ ރީތިކޮށް. ކިޔައިދިނީމާ، އެ ދައްތަ ބުނީ ތިމަންނަ ނުހުންނާނަމޭ މަޑަކުން، ކިޔާފައި ޕޮލިހަށް ވެސް ގުޅީ،" އެ ކުއްޖާ ބުންނެވެ.

"މައްސަލަ ހުށަހެޅީމައި ވެސް ރުޅި އައިސްފައި. ބުނީ ގޭތެރޭ ކަންކަން އެހެން މީހުންނާ ޝެއާ ނުކުރާށޯ،"

އެ ކުއްޖާ ގޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. ބައްޕަގެ ފަރާތުން ވެސް، މަންމަގެ ކިބައިން ވެސް، ބޭބެގެ ކިބައިން ވެސް ރައްކާތެރިކަމުގެ އިހްސާސެއް ނުކުރެވެއެވެ. އެކަމަކު، އެކިއެކި އިދާރާތަކަށް މި މައްސަލަ ހުށަހަޅައިގެން ވެސް އަދިވެސް އެ ކުއްޖާއަށް ރައްކާތެރިކަމެއް ނުލިބެއެވެ. އަދިވެސް، އުޅެމުން އަންނަނީ އަނިޔާ ލިބުނު މާހައުލުގައެވެ.

ރުޅި އަންނަ ކޮންމެ ފަހަރަކު އެ ކުއްޖާއަށް ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ލިބުމުން، އިދާރާތަކަށް މައްސަލަ ހުށަހެޅީ ކުއްޖާ އަމިއްލައަށެވެ. ބޭބެގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާގެ މައްސަލަ އިދާރާތަކަށް ރިޕޯޓު ކުރީ މި އަހަރެވެ. އެކަމަކު، އަދި މިހާތަނަށް އެ ކަމުގައި އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ކުއްޖާގެ ރައްޓެއްސެއްގެ މަންމަ ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އާއިލާ ތެރެއިން ލިބެމުން އައި ޖިންސީ އަނިޔާއިން ސަލާމަތްވާން އެ ކުއްޖާ ވަނީ ތަކުރާރުކޮށް ޖެންޑާ މިނިސްޓްރީގައި އެދިފައެވެ.

އެކަމަކު، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިން ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީއަށް މަތިކުރާ ޒިންމާތައް އަދާކޮށްފައިނުވާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އެ ކުއްޖާ ހުރީ އަމިއްލަ އާއިލާގެ ފަރާތުން، ތަކުރާރުކޮށް ލިބޭ އަނިޔާއިން މިންޖުވާން ފެން ބޮއައިގެންފައެވެ. ގޭ ތެރެއިން ނުލިބުނު ރައްކާތެރިކަން ލިބޭނެ ކޮޅެއް ނެތި މަގު ބަންދުވެފައެވެ.

ގޭ ތެރޭގައި އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެހެން މީހުންނާ ވާހަކަދެއްކުން ވެސް އޮންނަނީ ވަރަށް ބޮޑަށް މަނާ ކޮށްފައެވެ. އެހެންވެ، އަމިއްލަ އާއިލާއާއި ގޭތެރެއިން ރައްކާތެރިކަމެއް ނެތުމުން، ދުވާލުގެ ގިނަ ވަގުތުތައް އެ ކުއްޖާ ހޭދަ ކުރަނީ އަވަށްޓެރި އެކުވެރި ކުއްޖަކާ އެކު އޭނާގެ ގޭގައެވެ. އޭނާގެ ހާލަތު "ސަން"އަށް ކިޔައިދިނީ ވެސް އެ ގޭގައި ހުރެގެންނެވެ.

"އެއްވެސް ތާކުން ރައްކާތެރިކަމެއް ނުލިބުނު. މިހާރު ދެން ބޭނުންވަނީ ޖޮބެއް ހޯދާފައި، ފިލައިގެން ދާން،" އަނިޔާ ލިބުނު ކުއްޖާ ބުންޏެވެ.

މި މައްސަލައިގައި ފުލުހުންނާއި އަދި ޖެންޑާ މިނިސްޓްރީއާ ސުވާލު ކުރުމުން ވެސް ސީދާ ޖަވާބެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް