އެމްއެމްޕީއާރްސީ މައްސަލައިގައި ބަޔާން ނެގުން ނާޒިމް ސިފަކުރެއްވީ ދެއްކި ބިރެއްގެ ގޮތުގައި

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް--- ފޮޓޯ/ އެމްއެންޕީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ބަޔާން ނެގުމަށް އޭރުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި އުޅުއްވި، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރުމާއެކު އެއީ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވާތީ ސަރުކާރުން ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

ނާޒިމް ނެރުއްވި ބަޔާނުގައިވާ ގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް އޭސީސީއަށް އޭނާ މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ހާޒިރުކުރިއެވެ.

އެ ކަމާ ގުޅިގެން ނާޒިމް ނެރުއްވި ބަޔާނުގައި އޭނާ ވިދާޅުވީ، މީގެ ނުވަ އަހަރު ކުރީގެ މައްސަލައެއްގައި އޭނާ ކުއްލިއަކަށް އެ ކޮމިޝަނަށް ހާޒިރުކުރުމަކީ ސިޔާސީ ގޮތުން އޭނާ ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގަންނާތީ އެ ކަން ހުއްޓުވުމަށް ކުރި ކަމެއް ކަމަށެވެ.

އަދި އެއީ ރައްޔިތުން އޭނާއަށް ކުރާ އިތުބާރާއި ތާއީދު ކަނޑުވައިލުމަށް ކުރާ ކަމެއް ކަމަށް ނާޒިމް ތުހުމަތުކުރެއްވިއެވެ. އެ ކަމުގައި ސިޔާސީ ނުފޫޒު ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއީ ސަރުކާރުން ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަގާމުތަކުގައި ދައުލަތަށް ޚިދުމަތް ކުރިއިރު އެއްވެސް އިރަކު ޚިޔާނާތްތެރިވުމުގެ މައްސަލައެއް ޖެހިފައިނުވާކަމަށެވެ.

އެހެންކަމުން މިނިވަން މުއައްސަސާތަކުން އެ ފަދަ އަމަލެއް ހިންގުމަކީ ރައްޔިތުން ގަބޫލުނުކުރާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަދި ދިވެހި ދައުލަތުގެ ކަންކަން މިއަދު ހިނގަމުންދާ ގޮތުން، މިނިވަން މުއައްސަސާތަކަށް ގާނޫނު އަސާސީގައި ބުނާ ގޮތަށް މިނިވަންކަމާއެކު މަސަައްކަތްކުރުމުގެ ފުރުސަތު ގެއްލި، އެ ކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމީ އަޅުގަނޑު ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޚުދު އޭނާ ވެސް ވަކާލާތުކުރަނީ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމަށްކަމަށެވެ. އެހެންވެ، އޭނާ އެ ފަދަ ތަހުގީގުތަކަށް އެއްބާރުލުން ދޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއާއެކު ކުރިއަށް އޮތް އިންތިޚާބަކީ މިނިވަން އިންތިޚާބެއްކަން ކަށަވަރުކޮށް އެ ފުރުސަތު ފަހިކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އަދި އޭސީސީއަށް ސިޔާސީ ނުފޫޒުން އެއްކިބާވުމަށް ވެސް ގޮވައިލެއްވިއެވެ.

ޚިޔާނާތުގެ މައްސަަލައިގައި މިއީ ނާޒިމް ކޮމިޝަނަކަށް ހާޒިރުކުރި ފުރަތަމަ ފަހަރެވެ. އެ މައްސަަލައިގެ ޚިޔާނާތުގައި ބައިވެރި މީހުންގެ ލިސްޓުގައި ގިނަ ބަޔަކު ހިމެނުނު ނަމަވެސް ދައުވާ ކުރެވި ޖަލު ހުކުމުގައި ހުންނެވީ އިދިކޮޅު ލީޑަރު އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެކަންޏެވެ.

comment ކޮމެންޓް