ނައީމާގެ މަރު: އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ނައީމާ ދިރިއުޅޭ ގެ: އޭނާގެ މަރުގެ ހަގީގަތް އަދިވެސް ނޭނގޭ-- ސަން ފޮޓޯ: އަޙްމަދު ސާއިލް އަލީ

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވި އަހްޒަމް އަބްދުއްޝަކޫރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފުލުހުން ވަނީ، އަހުޒަމް އެންމެ ފުރަތަމަ ހައްޔަރު ކުރީ މަސްތުވާތަކެތީގައި މައްސަލައެއްގައި ކަމަށާއި އޭނާ ބަންދުގައި ބަހައްޓާފައި ހުންނަތާ 14 ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް މި މަހުގެ އަށެކުން ފެށިގެން އޭނާ ބަންދުގައި ހުރީ ނައީމާގެ މަރުގެ ތުހުމަތުގައި ކަމަށާއި އެ މައްސަލައިގައި އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

އަހުޒަމްގެ ބަންދާ ބެހޭ ގޮތުން މިއަދު ފުލުހުން ބުނީ، ފަސް ދުވަސް ހަމަވުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އެ ކޯޓުން ވަނީ ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި 21 އަހަރުގެ ހަސަން ފަވާޒް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

މިދިޔަ އޭޕްރިމް މަހުގެ ހަތެއްގައި ނައީމާ މަރާލި އިރު އޭނާގެ ގާތިލުން އެ ރޭ ދުއްވި ކަމަށް ބުނާ ކާރު ނިސްބަތް ވަނީ އޭނާއަށް ކަމަށް "ސަން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 21 އަހަރުގެ އިތުރު މީހެއް ކަމަށްވާ އަބްދުލްވާހިދު ރިފާސް 31 ދުވަހަށް ބަންދުކުރަން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.

comment ކޮމެންޓް