ރަޝީދު މި ކިޔައިދެއްްވަނީ އޭލެވެލްއަށް އަހްމަދިއްޔާ ހިޔާރުކުރަންވީ ސަބަބުތައް

އަހްމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު --

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ އޭލެވެލްއަށް ކިޔެވުމަށް ރާއްޖޭގައި މިހާރު އެންމެ ރަނގަޅު އެއް ސްކޫލްކަމަށާއި އަހްމަދިއްޔާގެ އަމާޒަކީ އަހަރަކަށްވުރެ އަހަރެއް ނަތީޖާ ރަނގަޅުކުރުން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ އަހްމަދިއްޔާއަކީ ނަތީޖާ ހޯދަން ވަރަށް މަސައްކަތް ކުރާ ސްކޫލެއް ކަމަށެެވެ.

އޭލެވެލް އަހްމަދިއްޔާގައި ފަށައިގެން ހިންގާތާ މާ ގިނަ ދުވަހެއް ވެސް ނުވާ ކަމަށާއި ނަމަވެސް، އަހްމަދިއްޔާގެ އޭލެވެލް ނަތީޖާތައް އަންނަނީ އަަހަރަކަށްވުރެ އަހަރެއް ކުރިއަރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަހްމަދިއްޔާގެ އޭލެވެލްގެ ނަތީޖާއަކީ ރާއްޖޭގެ އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާއަށް ވަނީ ވެފައި،" ރަޝީދު ވިދާޅުވިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެއްވަނީ --- ފޮޓޯ/ އަހްމަދިއްޔާ

އަހްމަދިއްޔާގައި މިހާރު ތިއްބެވި ޓީޗަރުންގެ ޓީމަކީ ވެސް އެންމެ ތަޖުރިބާކާރު ޓީޗަރުންގެ ޓީމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަހްމަދިއްޔާއިން އަބަދުވެސް ބަރޯސާ ވަނީ ޑިސިޕްލިންއަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަހްމަދިއްޔާގެ މައިގަނޑު އަސާސް ބިނާވެފައި ވަނީ ކުދިން ރަނގަޅު ތަރުބިއްޔަތެއްގެ ތެެރެެއިން އެ ކުދިންނަށް ކިޔަވައިދީގެން ރަނގަޅު ނަތީޖާއެެއް ހޯދަން،" ރަޝީދު ވިދާޅުވިއެވެ.

"އަހްމަދިއްޔާއިން އަބަދުވެސް ވާދަކުރާނީ އަހްމަދިއްޔާގެ ނަތީޖާއާ. އަހްމަދިއްޔާގެ ފަހުގެ ނަތީޖާއަށްވުރެ އަހްމަދިއްޔާގެ ދެން އޮންނަ އިމްތިހާނުގެ ނަތީޖާ ރަނގަޅުކުރުމަށް އަޅުގަނޑު ވަރަށް ބޮޑު އިސްކަމެއް ދެން،"

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ދަރިވަރުން ތައުލީމް ހާސިލުކުރަނީ --- ފޮޓޯ/ އަހްމަދިއްޔާ

މި އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އަހްމަދިއްޔާއިން ހުޅުވައިލައިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަޝީދު ފާހަގަކުރެއްވީ އަތޮޅުތެރޭގެ ވަރަށް ގިނަ ދަރިވަރުން ވެސް އަހްމަދިއްޔާއަށް އޭލެވެލް ހެދުމަށް ގުޅޭ ކަމަށެވެ. އަދި އަތޮޅުތެރެެއިން އަންނަ ކުދިން ވަރަށް ގިނައިން ރަނގަޅު ނަތީޖާތައް ހޯދާ ކަމަށް ވެސް ވިދާޅުވިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ދަރިވަރުން --- ފޮޓޯ/ އަހްމަދިއްޔާ

"އަހްމަދިއްޔާއަކީ ނަތީޖާ ހޯދައިދޭ ސްކޫލެއްކަން އެ ކުދިންނަށް އެބަ އެނގޭ. އޯލެވެލްގައި ވެސް އޭލެވެލްގައި ވެސް އަޅުގަނޑުމެން އެ ކަން ޕްރޫވްކޮށްދީފިން،" ރަޝީދު ވިދާޅުވިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން 206 ދަރިވަރުން އޭލެވެލް އިމްތިހާނުގައި ފާއިތުވެދިޔަ އަހަރު ބައިވެރިވިއިރު 87 ދަރިވަރުން ގައުމީ ގަދަ ދިހައިގައި ހިމެނުނެވެ. އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޯލާޝިޕް ހާސިލުކޮށްފައެވެ. އަދި އެއް ދަރިވަރަކު ވަނީ ހަ މާއްދާއިން އޭ ސްޓާ ހާސިލު ކޮށްފައެވެ.

comment ކޮމެންޓް