ސައުދީ ފްލައިނާސްގެ ދަތުރުތައް ރާއްޖެއަށް ފަށައި ފުރަތަމަ ފްލައިޓު ޖައްސައިފި

ސައުދީގެ ފްލައިނާސް އެއާލައިނަށް ޓޫރިޒަމް މިނިސްޓަރާއި ސައުދީ އެމްބެސެޑަރު މަރުހަބާ ކިޔުމަށް ޓަކައި އެއާޕޯޓުގައި -- ސަން ފޮޓޯ

ސައުދީ އަރަބިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މާކެޓު ފުޅާކުރުމުގެ ގޮތުން ރާއްޖެއަށް އަލަށް ދަތުރުތައް ފެށި އެ ގައުމުގެ ފްލައިނާސް އެއާލައިންގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފިއެވެ.

ފްލައިޓު ޖެއްސީ މިއަދު ހެނދުނު 08:00 ހާއިރެވެ.

މި ފްލައިޓަށާއި ފްލައިޓުގައި އެންމެ ފުރަތަމަ ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ޓަކައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ސައުދީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުﷲ އަލްޢަޖާލީން ބައިވެރިވެވަޑައިގަތެވެ. އަދި އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ފްލައިނާސްގެ ފްލައިޓު ރާއްޖެ އައުން -- ސަން ފޮޓޯ

ފްލައިނާސްއިން އަލަށް ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ސައުދީގެ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެއްކަމަށެވެ.

މިނިސްޓަރު މައުސޫމް ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

އަދި ފްލައިނާސްގެ ދަތުރުތައް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޚާއްސަކޮށް ތިޔަ ވިދާޅުވި ގޮތަށް ސީޒަނާ ދިމާކޮށްފައި އާންމު ރައްޔިތުންނަށް ވެސް ދަތުރުކުރެވޭ ފެންވަރެއްގެ ފްލައިޓެއް ޑައިރެކްޓުކޮށް ރިޔާދުން ފުރައިގެން މިކޮޅަށް އަންނަ އައުން އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. އަޅުގަނޑުމެންނަށް އެއާލައިނުން ޚަބަރު ދޭ ގޮތުގައި ދިވެހިންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އެއާލައިނުން ދިވެހީންނަށް ހެޔޮ އަގުގައި ސައުދީއަށް ދަތުރުކުރުމުގެ މަގު ފަހިވާނެއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސައުދީ މާކެޓު ރާއްޖެއަށް އިތުރުވާނެކަމަށެވެ.

"ދިވެހިރާއްޖެ މި އޮންނަ ގޮތުން އެއާ ކަނެކްޓިވިޓީ ވަރަށް މުހިންމު. ދެން އަޅުގަނޑުމެން ހުރިހާ އެއާލައިންތަކަކާ ވެސް ވާހަކަދައްކަމުން މި އަންނަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި އެހެން އެއާޕޯޓުތަކަށް ދަތުރު އަޅަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއާލައިންތަކުން ބޭނުންވާ މިންވަރަށް އެނދުތައް އިތުރުވެ ޑިމާންޑު ބޮޑުވާ ވަރަކަށް އެހެން އެއާޕޯޓުތަކަށް ފްލައިޓުތަކުން ދަތުރުކުރާ މިންވަރު އިތުރުވާނެކަމަށެވެ.

އަލަށް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ އެއާލައިންގެ އިސް އޮފިޝަލަކު ވިދާޅުވީ ރިޔާދުން ސީދާ ދަތުރުތައް މިއަދު ރާއްޖެއަށް ފެށުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ފްލައިނާސްގެ އޮފިޝަލަކު "ސަން"އާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ

އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްވަނައިގެ މަންޒިލެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފްލައިނާސްއިން މި ސަރަހައްދުގައި ކުރާ ދަތުރުތައް އިތުރުކުރުމުގައި ރާއްޖެ ހިމެނުމަކީ ލިބުނު ކުރިއެރުމެއްކަމަށެވެ.

ހަފުތާއަކު ތިން ފްލައިޓު ރިޔާދާއި ރާއްޖެއާ ދެމެދު ކުރާނެކަމަށް އެއާލައިނުން ބުންޏެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ-320 ނިއޯ މަރުކާގެ ބޯޓުތަކެވެ.

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން އެއާޕޯޓުތަކަށް ދަތުރުތައް ފެށުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ފްލައިނާސްއިން ބުންޏެވެ.

comment ކޮމެންޓް