ވިޔަފާރިތައް ފުޅާ ކުރުމަށް އެއް ބިލިއަން ރުފިޔާގެ އެހީއެއް

ރައްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެއް ބިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާ، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށް ޚާއްސަކޮށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒެރްވޯސްއެވެ.

މި އެއްބަސްވުމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕޮލިސީ ޑިވެލޮޕްމަންޓާއި ބިޒްނަސް ޕްލޭނިން އަށް މަގުފަހިކުރުމާއި، އިވެލުއޭޝަން އަދި ޑިއު ޑިލިޖެންސް ޕްރޮސެސްތަކުގައި އެހީތެރިކަން ލިބޭނެއެވެ.

އޭގެ އިތުރުން ޑިޖިޓަލް ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރުކުރުމާއި، ފައިނޭންޝަލް ލިޓްރޭސީ އާއި ޓެކްނޮލޮޖީ އެޑޮޕްޝަން ޕްރޮމޯޓްކުރުމާއި، އިންޓެންސިވް ބިޒްނަސް ސަޕޯޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުން ފަދަ ކަންކަމުގެ ތެރެއިން އެސްއެމްއީގެ ވާދަވެރިކަން ކުރިއެރުވުން ވެސް މި އެހީގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

މި އެހީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ވާދަވެރިކަމާއި ގާބިލްކަން ލިބިގެންދާނެއެވެ. މިއީ ވިޔަފާރިތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

comment ކޮމެންޓް