30 އަހަރުވީ ގައުމީ ރެކޯޑެއް ފަޒީލް މުގުރާލައިފި

ރާއްޖޭގެ ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން -- ފޮޓޯ/ ފަޒީލް، ފޭސްބުކް

އިންޑިއާގައި ކުރިއަށްގެންދާ އެ ގައުމުގެ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ހުސައިން ފަޒީލް ހާރޫން 30 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފިއެވެ.

ފަޒީލް މުގުރާލާފައިވަނީ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑެވެ. އެ ރެކޯޑަކީ މީގެ ކުރިން ސާފް ގޭމްސް 1993 ގައި ހުސައިން ރިޔާޒް ހަދާފައިވާ ރެކޯޑެކެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ ހަތަރު މިނެޓާއި ހަ ސިކުންތުން ރޭސް ނިންމައިގެންނެވެ.

ރިޔާޒް ހަދާފައިވާ އެ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ އިންޑިއާގެ އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 1500 މީޓަރު ދުވުމުގެ ހީޓުގައި ވާދަކޮށް، ތިން މިނެޓާއި 57.44 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އެގާރަ ދުވުންތެރިން ވާދަކުރި އެ ހީޓް، ފަޒީލް ނިންމާފައިވަނީ ދިހަވަނައަށެވެ. އެ ހީޓުން އެއްވަނަ ހޯދި އުއްތަރު ޕްރަދޭޝްގެ އަޖޭ ކުމާރު ސަރޯޖް، ރޭސް ފުރިހަމަކޮށްފައިވަނީ ތިން މިނެޓާއި 44.13 ސިކުންތުންނެވެ.

ފަޒީލަކީ ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ދުވުންތެރިއެކެވެ. އެގޮތުން 1500 ދުވުމުގެ އިތުރުން ވެސް ފަޒީލް އަތުގައި ތިން ރެކޯޑެއް އޮވެއެވެ. އެއީ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑާއި ފަސް ކިލޯމީޓަރު ދުވުމުގެ ރެކޯޑު އަދި 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑެވެ.

އިންޑިއާގެ އޮޑިޝާގެ ކަލިންގާ ސްޓޭޑިއަމްގައި ކުރިއަށްގެންދާ 62 ވަނަ ނޭޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަސް ދުވުންތެރިޔަކު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ހުސައިން ރިޒާ އާއި ހުސައިން ފަޒީލް ހާރޫނާއި އަހުމަދު ނަޖުދާން އަބްދުﷲ އަދި ޒިވާ މޫސާ ޝަފީއުއެވެ.

comment ކޮމެންޓް