ބީއެމްއެލް ސްޓާޓްއަޕް ގްރޭންޓްގެ ސުންގަޑި ޖުލައި 2 ގައި ހަމަވާނެ

އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިލޭ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ހަމަވާނެއެވެ.

މި ފުރުސަތު އެ ދުވަހުގެ ރޭގަނޑު 12 އަށް ހަމަވާއިރު، މި ހިލޭ އެހީގެ ދަށުން ކޮންމެ ވެސް ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ އާއި އެ ވިޔަފާރި ފަށައިގަތުމަށް ބޭނުންވާނެ ފައިނޭންޝަލް އެޑްވައިސް ބީއެމްއެލް އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިލޭ އެހީއަށް އާންމު ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދެވޭ އިވެލުއޭޝަންތަކަށް ފަހުގައެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓުލިސްޓް ކުރެވޭއިރު، ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި އެހީއާ ބެހޭ މުހިންމު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު ހަތަރު ވިޔަފާރިއަކަށް މި އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރެއިން ހިލޭ އެހީ ލިބުނު ނިރިސް އެމްބްރޮއިޑަރީގެ އައުޓްލެޓެއް ދާދިފަހުން ވަނީ ހުޅުވާފައެވެ.

comment ކޮމެންޓް