ބޮޑު ޢީދަށް މާލެ ކައިރި ހުރިހާ ރަށެއް ފުލް!

ޢީދު ފާހަގަ ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ޢީދާ ދިމާކޮށް މާލެ ކައިރި ހުރިހާ ރަށެއް ފުލްވެއްޖެއެވެ.

ކުރިއަށް އޮތް ބޮޑު ޢީދާ ގުޅިގެން ގާތްގަނޑަކަށް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، މާލޭގައި އުޅޭ ގިނަ ބަޔަކު ވަނީ މާލެ ކައިރި ރަށްތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުތައް ރާވާފައެވެ. އެގޮތުން އަބަދު ވެސް އެންމެ ބާރު ބޮޑު ވާކަމަށް ފެންނަ އެއް ރަށަކީ އެ އަތޮޅުގައި އޮންނަ މާފުއްޓެވެ.

އެގޮތުން މިހާރު ވެސް މާފުށީގެ މުޅި އޮކިއުޕެންސީ ފުލްވެފައިވާއިރު، އެ ރަށުގައި ޢީދާ ގުޅިގެން ބޮޑެތި ހަރަކާތްތަކެއް ހިންގުމަށް ދަނީ ރާވަމުންނެވެ. އެގޮތުން ސަޤާފީ ބޮޑު ޢީދެއް ފާހަގަކުރުމަށް އެ ރަށު ކައުންސިލުން ތައްޔާރުވަމުންދާއިރު، ބޮޑު ސްޓޭޖް ޝޯއަކާއި ހަވާ އެރުވުން ކުރިއަށްދާނެއެވެ.

މާފުށީގެ އިތުރުން އެ އަތޮޅު ގުރައިދޫއަށް ބަލާއިރު، ގުރައިދޫގެ ވެސް ހުރިހާ ގެސްޓްހައުސްތަކެއް މިހާރު ވަނީ ފުލްވެފައެވެ. އެރަށުގައި މާ ގިނަ ހަރަކާތްތަކެއް ރޭވުމަށް ނިންމާފައިނުވި ނަމަވެސް، ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ނިންމާފައެވެ.

ކާފު އަތޮޅުން ބޭރުން އަލިފް އަތޮޅަކީ ދެން އެންމެ ގިނައިން މީހުން ޢީދު ފާހަގަކުރަން ދާ އަތޮޅެވެ. އެގޮތުން އެ އަތޮޅުގެ މަޝްހޫރު ތޮއްޑޫ އަށް ބަލާއިރު ތޮއްޑޫގެ ވެސް ހުރިހާ ގެސްޓް ހައުސްތަކެއް ވަނީ ފުލް ވެފައެވެ. އެ ރަށް ކުލަގަދަ ޢީދަކަށް ތައްޔާރުވަމުން ދާއިރު، އެ ރަށުގައި ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ވިލޭރޭ ވެދުމާ ދިޔުން، ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން، ޢީދު ސައި، ރޭގަނޑު ޝޯ، ކުޑަކުދިންގެ ހަވީރު، މާލި ނެރުން އަދި ބޮޑު މަސް ނެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.

އަދި ޢީދު ދުވަހުގެ މެންދުރު އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެ މުނާސަބަތާ ގުޅިގެން ބޮޑު މެންދުރުގެ ކެއުމަކަށް އެ ރަށުގެ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.

މީގެ އިތުރުން، އެ އަތޮޅު މަތިވެރިއަށް ބަލާއިރު ވެސް، އެ ރަށުގެ ވެސް ހުރިހާ ގެސްޓްހައުސްތަކެއް ވަނީ ފުލްވެފައެވެ. އަދި އެ ރަށުގައި ވެސް ހަތަރު ދުވަހުގެ ޢީދު ބޮޑު ފެސްޓިވަލެއް ހިންގުމަށް އެ ރަށު ކައުންސިލުން ދަނީ ރާވަމުންނެވެ.

ޢީދާ ގުޅިގެން ގިނަ ރަށްތަކެއްގައި ފުރިހަމަ ހަރަކާތްތަކެއް އަބަދުވެސް ހިންގައެވެ. ނަމަވެސް މި ފަހަރުގެ ޢީދު "ފެން ޢީދަކަށް" ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ގިނަ މީހުން ދެކެއެވެ.

comment ކޮމެންޓް