ސަގާފީ ކުޅިވަރުތަކާ އެކު މި ފަހަރު މާފުށީގައި ފޯރިގަދަ ޢީދެއް

މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ ބޮޑު ޢީދު ވެސް މާލެ އަތޮޅު މާފުށީގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.

ބޮޑު ޢީދު ފާހަގަ ކުރުމަށް އާންމު ގޮތެއްގައި މާލެ އަތޮޅުގެ ގިނަ މީހުން ކޮންމެ އަހަރަކު ވެސް އަރާ އެއް ރަށަކީ މާފުއްޓެވެ.

މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް 'ސަން'އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޢީދަށް މިހާރު ވެސް އެ ރަށުގެ ހޮޓެލްތަކުން ވަރަށް ގިނަ މީހުން ބުކިން ހައްދަމުންދާ ކަމަށެވެ. އަދި، މި ފަހަރު ރަށުން ބޭރުން 3،000 ގާތް ކުރާ އަދަދަށް މީހުން އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މާފުށީގައި ޢީދު ހަރަކާތްތައް ހަތަރު ދުވަހަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަސްމީކޮށް ޢީދުގެ ހަރަކާތްތައް ހައްޖު ދުވަހުގެ ރެއިން ފަށައިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހައްޖު ދުވަހުގެ ރޭ ވެދުމާ ދިޔުން އަދި ޚާއްސަ ޖާފަތެއް އޮންނާނެއެވެ.

ޢީދު ދުވަހު ހެނދުނު ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ނަމާދަށް ފަހު ރަށުގެ ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް ޢީދު ސައި އޮންނާނެއެވެ. އެއަށް ފަހު ޢީދު ދުވަހުގެ ހަވީރު ރޮބޯމޭން ޝޯއާއި އެކިއެކި ސްޓޯލްތަކާ އެކު ބާއްވާ ޚާއްސަ ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. އެއަށް ފަހު ރޭގަނޑު މިއުޒިކް ޝޯއާއި ހަވާ އެރުވުން އޮންނާނެއެވެ.

ޢީދަކީ ތަފާތު އެކިއެކި ސަގާފީ ކުޅިވަރުތައް ހިމަނައިގެން ރަށްރަށުގައި ފާހަގަކުރާ ދުވަހެކެވެ. އެގޮތުން މާފުށީގައި ވެސް ސަގާފީ ނެށުންތަކާއި، މާލި ނެރުމާއި، ކޯޑި ނެރުން އަދި ބޮޑު މަސް ނެރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މާފުށި ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ޢީދުގެ ހަރަކާތްތަކުގައި ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންދަނީ އެ ރަށުގެ ޕްރިޒަންސް ކްލަބުންނެވެ. އަދި، މިއުޒިކް ޝޯގެ ހަރަކާތްތަކުގައި ރާޅު ބޯއީ އަދި އެކަތި ބޮޑުބެރު ގްރޫޕުން ބައިވެރިވާނެއެވެ.

comment ކޮމެންޓް