ޔާމީނަށް އަވަހަށް އިންސާފު ލިބުމަކީ މުހިންމު ކަމެއް: އަމީން

ގާސިމް އިބްރާހީމްގެ ތަރުޖަމާނު، ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން --

ރާއްޖޭގެ ސިޔާސީ މަސްރަހު އަލުން ތަރުތީބުވެ ރަނގަޅު މަގުން ދިއުމަށް ޓަކައި އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބުމަކީ މުހިންމު ކަމެއްކަމަށާއި އެ ކަން އަވަސްކުރުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު، ކުރީގެ މިނިސްޓަރު ޢަބްދުﷲ އަމީން ގޮވައިލައްވައިފިއެވެ.

އެ ޕާޓީން ރަސްރަނި ބަގީޗާގައި ރޭ ބޭއްވި ކެމްޕޭން އެއްވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު ސިޔާސީ މަސްރަހު އޮތީ ކަންބޮޑުވާ ހާލަތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރު ކާމިޔާބު ދައުރެއްގެ ގޮތުގައި ނިންމުމަށް ޓަކައި ވެސް ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުން މުހިންމުކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބުލުކުރާ ގޮތުގައި ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަށް އަވަހަށް އިންސާފު ލިބުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އަވަހަށް ތަރުތީބުވުމަށް އަދި ކުރިއަށް އޮތް ފަސް އަހަރަކީ ދިވެހިންނަށް ކާމިޔާބު ފަސް އަހަރަކަށް ވުމަށް ޓަކައި ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އަދިވެސް ޕާޓީތަކުގައި ތަރުތީބުވާންޖެހޭ މުހިންމު ކަންކަން އެބަހުރިކަމަށެވެ. އެއީ ކުރިއަށް އޮތް އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއެކު އެއް ސަފެއްގައި ވާދަކުރާނެ ޕާޓީތަކަށްވާއިރު އެ ޕާޓީތަކާ އޮންނަ ގުޅުން ރަނގަޅުކުރުން މުހިންމުކަމަށް އަމީން ވިދާޅުވިއެވެ.

އަދި އިންތިޚާބުގައި ދެން ވާދަކުރާ ޕާޓީތަކަށް ޖޭޕީއާއެކުގައި މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ސިޔާސީ ވާހަކަދެއްކިޔަސް، ވައުދުތައްވީކަމުގައި ވިޔަސް އިންތިޚާބު ކާމިޔާބުކުރެވިގެން އަޅުގަނޑުމެން މި ކުރާ އުންމީދުތައް، މިރޭ މި ކުރާ ވައުދުތައް ރައްޔިތުންނަށް މިރޭ، ހަގީގަތަކަށް ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯ އަދި ހާމަނުކުރި ނަަމަވެސް އެ މެނިފެސްޓޯގައި ހުރި ވައުދުތަކަކީ ރައްޔިތުންނަށް އުންމީދީ ވައުދުތަކަކަށްވާނެ ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމަށް ރިޔާސީ ޓިކެޓު އަރުވައިފައިވާއިރު ކެމްޕޭންގެ ހަރަކާތްތައް އަންނަނީ މަދުމަދުން ހިންގަމުންނެވެ. އަދި އެ ޕާޓީން ރަސްމީކޮށް ކެމްޕޭން ފަށާނެ ތާރީޚެއް އިއުލާން ނުކުރެއެވެ.

ޖޭޕީން ވަކިން ވާދަކުރަން ނިންމީ އެކުގައި އިންތިޚާބަށް ނިކުތުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދައުވަތު ދެއްވައިފައިވަނިކޮށް އެއަށް ނޫނެކޭ ބުނުމަށްފަހެވެ.

comment ކޮމެންޓް