އެމްޓީސީސީގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ފާސްނުވި

އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ

މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެމްޓީސީސީ އިން ހުށަހެޅި ހުށަހެޅުން ފާސްކުރަން ހިއްސާދާރުން ދެކޮޅުހަދައިއިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ ޢާންމު ޖަލްސާ (އޭޖީއެމް) ގައި މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ޙިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެމްޓީސީސީ އިން ހުށަހެޅިއިރު، އެ ޖަލްސާގައި ބައިވެރިވި 119 ޙިއްސާދާރުންގެ އަގުލަބިއްޔަތު ލިބުނީ އެ ހުށަހެޅުން ފާސް ނުކުރާށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު އެމްޓީސީސީގެ ބޯޑުން ހުށަހެޅި އަދަދަކީ އެ ކުންފުނީގެ ތާރީޚުގައި ވެސް ބަހަން ފާސްކުރި އެންމެ ބޮޑު ޙިއްސާގެ އަދަދެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައިވާ ގޮތުގައި، އެ ކުންފުންޏަށް ލިބުނު 2.4 ބިލިއަން ރުފިޔާގެ އާމްދަނީން 200.9 މިލިއަން ރުފިޔާ ސާފު ފައިދާވިއެވެ. މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 231.3 މިިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ.

އަހަރުންއަހަރަށް ފައިދާ ދަށްވި ނަމަވެސް އެމްޓީސީސީގެ ބޯޑުން ވަނީ, ފައިދާއިން ބަހާ މިންވަރު ބޮޑުކޮށް ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން 32.1 މިލިއަން ރުފިޔާ ބަހަން ނިންމާފައެވެ. އެމްޓީސީސީގެ ބޯޑުން 2021 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 3.50ރ. އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ އުސްއަލިތައް

  • އާމްދަނީ - 2.4 ބިލިއަން ރުފިޔާ
  • ޖުމްލަ ފައިދާ - 316.6 މިލިއަން ރުފިޔާ
  • ހިންގުމުގެ ފައިދާ - 340.6 މިލިއަން ރުފިޔާ
  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ - 236.4 މިލިއަން ރުފިޔާ
  • ވިޔަފާރި ފައިދާގެ ޓެކްސް - 35.4 މިލިއަން ރުފިޔާ
  • ސާފު ފައިދާ - 200.9 މިލިއަން ރުފިޔާ.

އެމްޓީސީސީގެ މެޖޯރިޓީ ހިއްސާދާރަކީ 64.20 ޕަސެންޓް ހިއްސާ އޮންނަ ދިވެހި ސަރުކާރެވެ. އެ ކުންފުނީގައި އާންމު ހިއްސާދާރުންގެ ނިސްބަތަކީ 31.15 ޕަސެންޓެވެ. ބާކީ 4.65 ޕަސެންޓް ހިއްސާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޝިޕިން ކޮމްޕެނީއަށެވެ.

comment ކޮމެންޓް