ލޮލަށް ބުޅިއެއް ހެރި ފެންނާނެކަމުގެ އުންމީދު ކުޑަވެފައި، ފަރުވާއަށް އެދެނީ އެހީއަށް!

ކަންނެލި މަސްވެރިކަމުގައި އުޅުމުގެ ތެރޭގައި ލޮލަށް ބުޅިއެއް ހެރި ފަރުވާއަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މިދިޔަ މެއި މަހުގެ 30ވަނަ ދުވަހު ސ. ހިތަދޫ އަބްދުﷲ އައްސަދު މަހަށް ނުކުމެ އުޅުމުގެ ތެރޭގައި ލޮލަށް މަސްބުޅިއެއް ހެރުނެވެ. އަދި ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެމަޖެންސީކޮށް މާލެއަށް ވަނީ ފޮނުވައިލައިފައެވެ.

އައްސަދުގެ ކޮއްކޮއަކު ކިޔައިދިން ގޮތުގައި އޭނާ މާލެ ގެނައުމަށްފަހު ސާޖަރީއެއް ހެދިއެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭޭނާ ކިޔައިދިން ގޮތުގައި ބޭބެގެ ލޮލުގެ ހުދު ކަޅީގެ ޓިޝޫތައް ވަނީ ހަލާކުވެފައެވެ. އަދި ކަޅު ކަޅީގެ ވެސް ބައެއް ޓިޝޫތައް ވަނީ ހަލާކުވެފައެވެެ.

"އޭރު ވެސް ޑޮކްޓަރު ޔަގީންކަމެއް ނުދޭ ފެންނާނެ ކަމަކަށް. ދެވަނަ ސާޖަރީއަކަށޭ ދާން ޖެހޭނީ ބުނީ،" އޭނާ ކިޔައިދިނެވެ.

އޭގެ އެއް ދުވަސް ފަހުން އާސަންދަ ހަމަޖައްސައި އޭނާ ވަނީ އިންޑިއާއަށް ފޮނުވައިލައިފައެވެ. އެހެން ނަމަވެސް، އަދި އޭނާގެ ސާޖަރީ ހަދައިފައެއް ނުވެއެވެ.

"ޑޮކްޓަރުން ބުނީ ބަލަން ޖެހޭނީ ނާރުތަކުގެ ދިރުމެއް ހުރިތޯ ކަމަށް. އެ ކަން ބެލުމަށް ސްކޭނެއް މާދަމާ ހަދާނެ،" އޭނާ ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ ދޮންބެގެ ލޮލަށް ފެންނާނެކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށެވެ. އެހެން ނަމަވެސް، މިހާރު އިތުރު ފަރުވާއަށް އެ މީހުން ތިބީ އިންޑިއާގެ ޓްރެވެންޑްރަމްގައި ހުންނަ ޗައިންތަންޔާ ހޮސްޕިޓަލުގައެވެެ.

އާސަންދައިން ބޭސް ފަރުވާ ހަމަޖެހިފައި ވިޔަސް ހުރުމާއި ކެއުމާއި ބުއިމުގެ ކަންތަކަށް ދަތިވާތީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކައުންޓު ނަންބަރު: 7708383268101 - އަބްދުﷲ އައްސަދު

ވައިބާ ނަންބަރު - 7598353

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެ މީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި، އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހަކަށް، ﷲ އެ މީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ. އަދި، މުސްލިމެއްގެ (ޢައިބު ފޮރުވައިދީފި މީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެ މީހެއްގެ ޢައިބު ފޮރުވައިދެއްވާ ހުއްޓެވެ. އަދި، ހަމަކަށަވަރުން އެ މީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް