ބެންްޒެމާ ސައުދީގެ އަލް އިއްތިހާދަށް ސޮއިކޮށްފި

ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އަލް އިއްތިހާދަށް ސޮއިކުރުން -- ފޮޓޯ/ އަލް އިއްތިހާދު

ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދަށް ސޮއިކޮށްފިއެވެ.

ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން 14 އަހަރަށް ފަހު ބެންޒެމާ ވަނީ އިއްޔެ އެ ކްލަބަށް އަލްވަދާއު ކިޔައިފައެވެ.

އަލް އިއްތިހާދުން މިހާރު ވަނީ ކުޅުންތެރިއެއްގެ ގޮތުގައި ބެންޒެމާ އިއުލާންކޮށް، އޭނާއާއެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. އަލް އިއްތިހާދުން ބެންޒެެމާއަށް މުސާރައިގެ ގޮތުގައި ސީޒަނަކު 200 މިލިއަން ޔޫރޯ (213 މިލިއަން ޑޮލަރު) ދޭން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައެވެ.

ސީޒަންގެ ތެރެއިން ރެއާލްގެ ކޮންޓްރެކްޓް އާކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ފަހު ވަގުތު ބެންޒެމާ ނިންމާފައިވަނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކޭ އެއްގޮތަށް ސައުދީއަށް ދިއުމަށެވެ. އަންނަ ސީޒަނުގެ ސައުދީ ލީގުގައި ރޮނާލްޑޯ އާއި ބެންޒެމާގެ ވާދަވެރިކަން ފެނިގެންދާނެއެވެ.

އަލް އިއްތިހާދަށް ސޮއިކުރުމަށް ފަހު ސޯޝަލް މީޑިއާގައި ބެންޒެމާ އާންމުކުރި ވީޑިއޯއެއްގައި އޭނާ ބުނީ އެ ކްލަބަކީ އޭނާގެ އާ ޗެލެންޖް ކަމަށާއި މޮޅެތި ކުޅުންތެރިންތަކަކާ އެކު ސައުދީ ޕްރޯ ލީގަކީ ރަނގަޅު ލީގެއް ކަމަށެވެ.

"މި ލީގަށް މިހާރު ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކުޅޭ. އޭނާއަކީ ސައުދީގެ ވިސްނުން ދައްކައިދިން އަހަރެންގެ އެކުވެރިއެއް. އަހަރެން މި ކްލަބާ ގުޅުނީ ޔޫރަޕެކޭ އެއްގޮތަށް މި ލީގުގައި ވެސް ކާމިޔާބު ހޯދަން،" އޭނާ ބުންޏެވެ.

އަލް އިއްތިހާދާ ބެންޒެމާ ގުޅުނުކަން އިއުލާންކުރުމަށް ސައުދީގެ ޖިއްދާގައި މިއަދު ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބެންޒެމާގެ އިތުރުން ވެސް އަންނަ ސީޒަނުގެ ސައުދީ ޕްރޯ ލީގުން ފުޓުބޯޅައިގެ ތަރިންތަކެއް ފެންނާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް