ފިލްމުފެއާ އެވޯޑުތަކާ ބެހޭ ގޮތުން ނަސީރުއްދީނު ޝާހުގެ ވާހަކަ ތަފާތު

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނަސީރުއްދީން ޝާހު -- ފޮޓޯ/އައިއެމްޑީބީ

އިންޑިއާގެ ފިލްމީތަރިންނަށް ދޭ ފިލްމުފެއާ އެވޯޑް ލިބުނުއިރު އެކްޓަރު ނަސީރުއްދީނު ފަހުން އެވޯޑްތައް ބޭނުންކުރީ ގޭގޭ ފާޚާނާގެ ދޮރުގެ ތަޅުގެ ބަދަލުގައިކަމަށް އެކްޓަރު ބުނެފިއެވެ.

ހިންދީ ސިނަމާގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި އެކްޓަރުގެ މި ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނަސީރުއްދީނަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.

އިންޑިއާގެ ޚަބަރު ގެނެސްދޭ ޕޯޓަލްއަކަށް ދިން ހާއްސަ އިންޓަވިއުއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނަސީރުއްދީނު ޝާހު ބުނީ ކުރިން ލިބިފައިވާ ފިލްމުފެއާ އެވޯޑްސް ބޭނުންކުރާ ގޮތާ ބެހޭ ގޮތުން ދެކެވޭ ވާހަކައަކީ ތެދު ހަގީގަތެއް ކަމަށެވެ.

ކުރީގެ ގިނަ ފިލްމުތަކަކުން ފެނިފައިވާ އެކްޓަރުބުނީ އޭރު ފިލްމުފެއާ އެވޯޑެއް ހާސިލުކުރެވުމުން އިންތިހާއަށް އުފާވެ އެކަމާ ފަޚުރުވެރި ވާކަމަށެވެ. އެހެންނަމަވެސް ފަހުން އިޚްސާސްކުރެވެން ފެށީ އެވޯޑްތަކުގެ އެއްވެސް އަގެއް ނެތް ކަމަށާއި އެއީ ބޭނުން ކޮންމެ މީހަކަށް ވެސް ބާރު އޮތިއްޔާ ހާސިލުކުރެވޭ އެއްޗެއްގެގޮތުގައި ކަމަށް އެކްޓަރުވަނީ ބުނެފައެވެ. އެކްޓަރަށްވެސް މާގިނައިން އެވޯޑްތައް ލިބެން ފެށުމުން އޭގެ އަސްލު ހައްގުވެރިންނަށް އެވޯޑް ނުލިބޭކަމުގެ އިހުސާސްވެސްކުރެވެންފެށިކަމަށް ނަސީރުއްދީނު ޝާހުވަނި ބުނެފައެވެ. އެހެންވެ ފަހުން އެވޯޑް ޝޯވްތަކަށް ދިއުންވެސް ހުއްޓާލިކަމަށް މިއިންޓަވިއުގައި އެކްޓަރުވަނީ ބުނެފައެވެ. ނަސީރުއްދީނު ޝާހު ބުނެފައިވަނީ، އަމިއްލަ މީހާގެހުރި ހުނަރެއް އޭގެ އެންމެ ރަގަޅުގޮތުގައި ދެއްކުމަށް މަސައްކަތްކުރާ ކޮންމެ އެކްޓަރަކީވެސް މޮޅު އެކްޓަރެއްކަމަށް ދެކޭކަމަށެވެ. އެހެންކަމުން އޭގެއިން ވަކި މީހަކު ހޮވާފައި އެވޯޑެއް ދިނުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށް ނަސީރުއްދީނުވަނީ ބުނެފައެވެ.

ނަސީރުއްދީނު ޝާހުއަކީ ފިލްމީ ދިގު ކެރިއަރެއް އޮތް ވަރަށް ކާމިޔާބު ރީތި ފިލްމުތައް ގެނެސްދީފައިވާ އެކްޓަރެކެވެ. ނަސީއްރުއްދީނަށް ފިލްމު ފެއަރ އެވޯޑް ލިބުނު ފިލްމުތަކުގެތެރޭގައި، "ޕާރު"، "ސްޕަޝް" އަދި "އިގްބާލް" ހިމެނެއެވެ. ފިލްމުފެއަރ އެވޯޑްގެ އިތުރުން އެކްޓަރަށްވަނީ އިންޑިއާގެ ސަރުކާރުން އަރުވާ ޝަރަފުވެރި ޕަދުމާ ޝްރީ އަދި ޕަދުމާ ބުޝަންވެސް އަރުވާފައެވެ. ކުރީގެ ބައެއް ފިލްމުތަކުގައި ވިލެންގެ ރޯލްވެސް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައިވަނީ ޒީ ފަހެއްއިން ދައްކާ "ތާޖް" ޑިވައިޑެޑް ބައި ބްލަޑް" ވެބް ސީރީސްއިންނެވެ.

comment ކޮމެންޓް