ކޯޕަރޭޓް ގަވަނަންސް ހަރުދަނާ ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސީއެމްޑީއޭ އާއި ޕީސީބީ އާއެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ސީއެމްޑީއޭ

ކޯޕަރޭޓް ގަވަނަންސް ބޯޑް ހާމަނައިޒްކުރުމާއި އިތުރަށް ފުރިހަމަ ކުރުމަށް ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ފަހުމުނާމާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ސީއެމްޑީއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސީއެމްޑީއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ މުހައްމަދު ޙުސެއިން މަނިކެވެ. އަދި ޕީސީބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޯޑުގެ ރައީސް އާސިމް މުޙައްމަދެވެ.

މި ފަހުމުނާމާގައި ސޮއި ކުރުމަށްފަހު ދެ ފަރާތުން ވެސް ވަނީ ކޯޕަރޭޓް ގަވަނަންސް ހަރުދަނާކޮށް އޮތުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް، މިއަދު ވެވުނު އެއްބަސްވުމާއެކު މިއީ އެކަމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްފައެވެ. އެގޮތުން ކޯޕަރޭޓް ގަވަނަންސް ހަރުދަނާވުމަކީ ވިޔަފާރިތަކާއި އިންވެސްޓަރުންނަށް ވެސް މުހިންމުކަމެއްކަން ފާހަގަކޮށް، ކުރިމަގުގައި މި ދާއިރާ ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ސޮއި ކުރި ފަހުމުނާމާގެ ދަށުން، ޕީސީބީ އަދި ސީއެމްޑީއޭއިން ވަނީ ވަކި ކަންތައްތަކެއް ފުރިހަމަ ކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

- މިހާރު ސީއެމްޑީއޭ އަދި ޕީސީބީން އެކުލަވާލައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑު ނުވަތަ ގަވާއިދު ހަރުދަނާ ކުރުމަށް ދިރާސާ ކުރުމާއި އެގޮތުން ގެންނަން ހުށަހަޅާ އިސްލާހު ހިމެނޭ ކަރުދާހެއް އެކުލަވާލައި ދެ މުއައްސަސާއާ ހިއްސާކުރުން،

- ސީއެމްޑީއޭ އަދި ޕީސީބީން އެކުލަވާލައި އާންމުކޮށްފައިވާ ކޯޕަރޭޓް ގަވާނަންސް ކޯޑު ނުވަތަ ގަވާއިދު ހާމަނައިޒްކުރުމާ ގުޅޭ ގޮތުން ދިރާސާކޮށް އެކަން ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަރުދާހެއް އެކުލަވާލައި ސީއެމްޑީއޭ އަދި ޕީސީބީއާ ހިއްސާކުރުން އަދި

- ސީއެމްޑީއޭ އާއި ޕީސީބީން އެއް ކޯޕަރޭޓް ގަވަނަންސް ކޯޑެއް ނުވަތަ ގަވާއިދެއް އެކަށައެޅިދާނެތޯ ބަލައި އެކަމަށް މަސައްކަތް ކުރެވެން އޮތް ނަމަ މަސައްކަތްކުރުމެވެ.

މި ފަހުމުނާމާގެ ދަށުން ދެ މުއައްސަސާއިން އެއްބަސްވެފައިވަނީ ކޮންމެ ފަރާތަކުން ވެސް ތިން މެންބަރުން ހިމެނޭގޮތުން ކޯޕަރޭޓް ގަވަނަންސް އިންޓާ އޯގަނައިޒޭޝަނަލް ކޮމިޓީއެއް އުފައްދައި އެ ކޮމެޓީއިން އެއްބަސްވާ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތްކުރުމަށެވެ.

comment ކޮމެންޓް