41 އަހަރުގައި އިބްރަހިމޮވިޗް ފުޓުބޯޅައިން ރިޓަޔާކޮށްފި

އޭސީ މިލާންގެ ސްވިޑަން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ރިޓަޔާމަންޓް އިއުލާންކުރުމުގެ ތެރެއިން -- ފޮޓޯ/ ގެޓީ

އުމުރުން 41 އަހަރުގައި އޭސީ މިލާންގެ ސްވިޑަން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ފުޓުބޯޅައިން ރިޓަޔާކޮށްފިއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިބްރަހިމޮވިޗް އިއުލާންކުރީ އިޓާލިއަން ސެރީއާގައި ރޭ ހެލަސް ވެރޯނާ އަތުން 3-1 ގެ ނަތީޖާއަކުން މިލާން މޮޅުވި މެޗުގައެވެ. ސެން ސީރޯގައި ކުޅުނު އެ މެޗުގެ ތެރެއިން އިބްރަހިމޮވިޗް ފެން ކަޅިވެފައި ހުރެ، އޭނާ ވަނީ ރިޓަޔާމަންޓް އިއުލާންކޮށްފައެވެ.

"ފުރަތަަމަ މިލާނަށް އައި އިރު، އަހަރެންނަށް ލިބުނީ އުފާވެރިކަން. ދެވަނަ ފަހަރަށް އައުމުން އަހަރެންނަށް ލިބުނީ ލޯބި. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. ތިއީ އަހަރެންނަށް މަރުހަބާ ކިޔައި، މިއީ އަހަރެންގެ އަމިއްލަ ތަނެއްގެ ގޮތުގައި ހަދައިދިން ސަޕޯޓަރުން. އަހަރެން އަބަދު ވެސް މިލާންގެ ސަޕޯޓަރެއްގެ ގޮތުގައި ދެމިހުންނާން. މިއީ އަހަރެން ފުޓުބޯޅައާ އަލްވަދާއު ކިޔަން ޖެހޭ ވަގުތު،" އަސަރާ އެކު ސަޕޯޓަރުންގެ ކުރިމަތީ ވާހަކަދައްކަމުން އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ރިޓަޔާކޮށްފައިވާ އިރު، ދާދި ފަހުން އޭނާ ވަނީ ކުޅުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައެވެ. އިއްޔެ މިލާނުން ވަނީ އިބްރަހިމޮވިޗް އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

އަނިޔާއާ ގުޅިގެން މި ސީޒަނުގައި މިލާނަށް އިބްރަހިމޮވިޗް ކުޅެފައިވަނީ އެންމެ ހަތަރު މެޗެވެ.

އިބްރަހިމޮވިޗްގެ 24 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ މިލާންގެ އިތުރުން މަލްމޯ، އަޔެކްސް، ޔުވެންޓަސް، އިންޓަ މިލާން، ބާސެލޯނާ، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)، މެންޗެސްޓާ ޔުނައިޓެޑް އަދި އެލްއޭ ގެލެކްސީއަށް ވެސް ކުޅެފައެވެ. އޭނާ ވަނީ ނެދަލެންޑްސް އާއި ސްޕެއިނާއި ފްރާންސް އަދި އިޓަލީގެ ލީގުގައި ކާމިޔާބީތަކެއް ހޯދައިފައެވެ.

comment ކޮމެންޓް