''ޑިމޮކްރެޓްސް''އަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވި މައްސަލަ ބަލަނީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ހާއްސަ ބަސްދީގަތުމެއް ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިސްވެ ހުންނަވާ އުއްފަދަން މަސައްކަތް ކުރާ އައު ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރި މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ނުކުރަނީސް އާންމުވި މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބެނެފިއެވެ.

ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އެ ޕާޓީއަށް ސޮއިކޮށްފައިވާ މެންބަރުންގެ ލިސްޓެއް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ލީކުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

https://sun.mv/178275

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން"އަށް ވިދާޅުވީ، އީސީ ތެރެއިން ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓު ލީކުވިކަމުގެ ޝަކުވާ އެ ޕާޓީން އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގާފައިވާ ކަމަށާއި އެކަމުގެ ތެރެއިން ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑު ވާނެ އެސްޖީއަށް އަންގާފައި. ކަމާ ބެހޭ މުވައްޒަފުންނާ ސުވާލުކޮށް، ބަޔާން ނަގަން ޖެހެންޏާ ބަޔާން ނަގައި މައްސަލަ ބެލުމަށް ވާނެ އަންގާފައި، އަދި ނެތް އޭގެ އަޕްޑޭޓެއް،" އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، މި މައްސަލަ ބަލައި، އެއީ ތެދެއް ކަމުގައި ވާނަމަ، އެ ކަމުގައި ޝާމިލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެއެވެ.

ސޮއިކުރި މީހުންގެ ލިސްޓު އާއްމުވި މައްސަލައިގައި އެ ޕާޓީގެ ފަރާތުން ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، ސިޔާސީ ޕާޓީއަކަށް ވަންނަ މީހުންގެ ލިސްޓު އާންމު ކުރުމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް އޮތް ނަމަވެސް އީސީގެ ވެބްސައިޓުގައި އެ ލިސްޓު އާންމު ކުރުމުގެ ކުރިން އެ ލިސްޓު ބައެއް އާންމު މެންބަރުންނާ ހިސާބަށް އައުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، އެ ލިސްޓުގައި ނަން އޮތް މީހުންނަށް ސަރުކާރަށް ވާގިދޭ ފަރާތްތަކުން ގުޅައި ބިރުދައްކަމުންދާ ކަމަށެވެ. މިހާރު އެ މައްސަލަ ވެސް އެ ޕާޓީން ފުލުހަށް ހުށަހަޅާފައިވާ ޝިފާޒް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، މައްސަލަ ބޮޑުވުމަށް ފަހު ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން އެ ޕާޓީން ވަކިވުމަށް ފަހު އުފައްދަން މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ.

މި ޕާޓީ އުފައްދަން އެންމެ އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދަށް ވާގިވެރިވާ ފިކުރެއްގެ ދިރުން ފެކްޝަނުގައި އުޅުނު ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރުން ވަނީ އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައިފައެވެ.

އެ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައިވާއިރު، މިދިޔަ ބުދަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރަން 3،560 ފޯމު އީސީ އަށް ވަނީ ހުށަހަޅާފައެވެ. އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް