ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ތައިލެންޑްގެ އާންމު އިންތިޚާބު ކާމިޔާބުކުރި ޕާޓީ ނާކާމިޔާބު ވެއްޖެ

"މޫވްފޯވަޑް"ޕާޓީގެ ލީޑަރު ޕީޓާ ލިމްޖަރޮއެންރާޓް

ބެންގްކޮކް (4 ޖޫން 2023): މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވި ތައިލެންޑްގެ އާންމު އިންތިޚާބު އެގައުމުގެ އިދިކޮޅު އައު ޕާޓީއެއްކަމަށްވާ "މޫވްފޯވަޑް"އިން ކާމިޔާބުކުރި ނަމަވެސް ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި އެޕާޓީ ނާކާމިޔާބު ވެއްޖެއެވެ.

ތައި އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައެއް ނުވެއެވެ. ނަމަވެސް އެއްޕާޓީއަކަށް ބަލާއިރު ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އައު ޕާޓީއެއްކަމަށްވާ "މޫވްފޯވަޑް"އިން ނެވެ.

ތައި ގާނޫނު އަސާސީ ބުނާގޮތުން އެގައުމުގައި ސަރުކާރެއް އުފެއްދޭނީ އާންމު އިންތިޚާބުގައި ޕާލަމެންޓްގެ ދެ ގެ ހިމެނޭގޮތަށް މުޅި ޕާލަމެންޓްގެ ގޮނޑީގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަގޮނޑީގެ އަޣްލަބިއްޔަތެއް ހޯދައިގެންނެވެ. މި އަޣްލަބިއްޔަތު, ވޯޓުންވެސް އަދި ކޯލިޝަން ހަދައިގެންވެސް ހޯދިދާނެއެވެ.

ތައިލެންޑްގެ ޕާލަމެންޓްގެ ދަށުގޭގެ ގޮނޑީގެ އަދަދަކީ 500 އެވެ. މަތީގޭގެ ގޮނޑީގެ އަދަދަކީ 250 އެވެ. ޕާލަމެންޓްގެ ދަށުގޭގެ 500 ގޮނޑީގެ ތެރެއިން އާންމު ވޯޓުން އިންތިޚާބުކުރަނީ 400 ގޮނޑިއަށްވާ މެންބަރުންނެވެ.

ތައި ބޮޑުވަޒީރު ޖެނެރަލް ޗާން އޮޗާ

އަނެއް 100 ގޮނޑިއަށް މެންބަރުން ކަނޑައަޅަނީ ޕާޓީތަކުގެ ތެރެއިންނެވެ. ތައިލެންޑްގައި ސަރުކާރެއް އެކުލަވާލެވޭނީ ޕާލަމެންޓްގެ ދަށުގޭގެ 500 ގޮނޑިއާއި މަތިގޭގެ 250 ގޮނޑީގެ ތެރެއިން މަދުވެގެން 376 ގޮނޑި ލިބިގެންނެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި "މޫވްފޯވާޑް" ޕާޓީ ން 151 ގޮނޑި ކާމިޔާބުކުރިއިރު ކުރީގެ ބޮޑު ވަޒީރު ތަކްސިން ސިނަވަތްރާގެ ޕާޓީކަމަށްވާ "ޕެއު ތައި" ޕާޓީ އަށް ކާމިޔާބު ކުރެވުނީ 141 ގޮނޑިއެވެ. ތައިލެންޑްގެ މައި އިދިކޮޅު ޕާޓީއަކީ "ޕެއު ތައި" ޕާޓީކަމަށްވިޔަސް "މޫވްފޯވަޑް" އަކީވެސް އިދިކޮޅު ޕާޓީއެކެވެ. އެހެންކަމުން އެޕާޓީ ސިފަކުރެވިފައިވަނީ އައު އިދިކޮޅު ޕާޓީގެ ގޮތުގައެވެ.

އިންތިޚާބުގައި ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕޮޕިއުލިސްޓް ކޮންޒަވޭޓިވުން ގެ ގޮތުގައި ސިފަކުރެވޭ "ބުމްޖައި ތައި" ޕާޓީ އެވެ. އެޕާޓިން 70 ގޮނޑި ކާމިޔާބުކުރިއިރު "ޕަލަންގް ޕްރަޗަރަތު" ޕާޓީ އަށް ކާމިޔާބުކުރެވުނީ އެންމެ 40 ގޮނޑިއެވެ.

މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި ރިޓަޔަޑް ޖެނެރަލް ޕްރަޔޫތު ޗާންއޮޗާގެ "ޔުނައިޓެޑް ތައި ނޭޝަން" ޕާޓީއަށް ލިބުނީ އެންމެ 36 ގޮނޑިއެވެ.

ތައިލެންޑްގެ ސިޔާސީ މަސްރަހަށް އަތްގަދަކުރުގެ ސިޔާސަތެއް ގެންގުޅޭ އެގައުމުގެ ސިފައިންގެ މުއައްސަސާގެ ރުހުން ލިބިފައިވާ މައި ޕާޓީއަކީ ބޮޑުވަޒީރު ރިޓަޔަޑް ޖެނެރަލް ޕްރަޔޫތު ޗާންއޮޗާގެ ޕާޓީ ކަމަށްވާ "ޔުނައިޓެޑް ތައި ނޭޝަން" ޕާޓީއެވެ. އެޕާޓީއަށް އިންތިޚާބުގައި މިހާ ދަށަށް ނަތީޖާއެއް ލިބުނުން އިންތިޚާބުގެ ނަތީޖާ އާ މެދު ސިފައިންގެ މުއައްސަސާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެއެވެ.

ޕާލަމެންޓްގެ ދެން ހުރި ގޮނޑިތަކަށް ބަލާއިރު "ޑިމޮކްރެޓިކް ޕާޓީ" ން 25 ގޮނޑި ކާމިޔާބުކުރިއެވެ. ބާކީ ދެން ހުރި ގޮނޑިތައް ކާމިޔާބުކުރީ ވަރަށް ކުދިކުދި ޕާޓީތަކުންނެވެ.

ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާ

ތައިލެންޑަކީ ބަރުލަމާނީ ނިޒާމަށް ވެރިކަންކުރާ ގައުމެކެވެ. އެހެންކަމުން އެގައުމުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ މިގޮތަށް އައުމާއެކު އެންމެ ގިނަގޮނޑި ލިބުނު "މޫވް ފޯވާޑް" ޕާޓީގެ ޒުވާން ލީޑަރު ޕީޓާ ލިމްޖަރޮއެންރާޓް އާ ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ތައިލެންޑްގެ ރަސްގެފާނުވަނީ ހަވާލުކުރައްވާފައެވެ.

ޕީޓާ ލިމްޖަރޮއެންރާޓް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި އެކިޕާޓީތަކާއެކު ކުރައްވާ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވެއެވެ. ޕީޓާގެ ޒައާމަތުގައި އޭނާގެ ޝަރުތުތަކުގެ މަތިން ކޯލިޝަން ސަރުކާރެއް އެކުލާވުމަށް އެހެން ޕާޓީތަކުން އެއްބަސްނުވާނެކަންވެސް މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވާ ހިސާބަށް ގޮސްފައެވެ.

ޕީޓާ ލިމްޖަރޮއެންރާޓް ގެ ޒަޢާމަތުގައި އޭނާ ބޮޑުވަޒީރަކަށް ވަގޮތަށް އެކުލަވާލަން އުޅޭ ކޯލިޝްންގައި ބައިވެރިވާން ގިނަ ޕާޓީތަކުން ބޭނުމެއް ނުވެއެވެ. އެހެންކަމުން ޕާލަމެންޓްގެ ދަށުގޭގެ 500 ގޮނޑިއާއި މަތިގޭގެ 250 ގޮނޑީގެ ތެރެއިން މަދުވެގެން 376 ގޮނޑި ލިބިގެން ކޯލިޝަނެއް އެކުލަވާނުލެވޭނެކަން މިހާރު ޚުދު ޕީޓާވެސް ގަބޫލުކުރައްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެން އޮތީ އިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި ޕާޓީކަމަށްވާ ކުރީގެ ބޮޑުވަޒީރު ތަކްސިން ސިނަވަޓްރާގެ ޕާޓީކަމަށްވާ "ޕެއު ތައި" ޕާޓީ އިސްކޮށް އޮވެގެން އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އެޕާޓީގެ ލީޑަރާ ހަވާލުކުރުމެވެ. ނޫނީ އަލުން އަނެއްކާވެސް އާންމު އިންތިޚާބަކަށް ދިޔުމެވެ.

"ޕެއު ތައި" ޕާޓީ އަކީ ތަކްސިންގެ އާއިލީ ޕާޓީއެއް ނަމަވެސް އެޕާޓީގެ މިހާރުގެ ލީޑަރަކީ އޭނާ އެއްނޫނެވެ. ތަކްސިން އުޅުއްވަނީ ދުބާއި ގައެވެ. ތަކްސިން އަށްފަހު އޭނާގެ ޕާޓީގެ ފަރާތުން އޭނާގެ އަންހެން ކޮއްކޮ ޔަންގްލަކް ޝިނަވަތްރާވެެސް ތައިލެންޑްގެ ބޮޑު ވަޒީރުކަން ކުރެއްވިއެވެ. ޔަންގްލަކް ވެސް މިހާރު ދިރި އުޅުއްވަނީ ދުބާއި ގައި ކަމަށްވެއެވެ.

comment ކޮމެންޓް