ޔުނައިޓެޑް ބަލިކޮށް ސިޓީން އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފި

މެންޗެސްޓާ ސިޓީން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ -- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން އެފްއޭ ކަޕް ވެސް ކާމިޔާބުކޮށްފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލުގައި ޔުނައިޓެޑްގެ މައްޗަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ސިޓީން އެފްއޭ ކަޕް ކާމިޔާބުކުރި ހަތްވަނަ ފަހަރެވެ.

މިރޭގެ މެޗު ފެށިތާ މިނެޓެއް ވެސް ނުވަނީސް ސިޓީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އިލްކާއީ ގުންޑޮގަންއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޔުނައިޓެޑް ގޯލު މަތީ ކަނަކަށެވެ.

އޭގެ މިނެޓެއް ފަހުން ލީޑު ފުޅާކޮށްލުމަށް ވެސް ސިޓީއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޑިބްރޭނާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ބޮލުން ފޮނުވާލި ބާރު ހަމަލާ، ޔުނައިޓެޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު، މެންޗެސްޓާ ސިޓީގެ ކެޕްޓަން އިލްކާއީ ގުންޑޮގަން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

މެޗުގެ 33 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ އިނގިރޭސި ފޯވަޑް ޖެކް ގްރީލިޝްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޔުނައިޓެޑަށް ވަނީ ލީޑު ހޯދުމަށް ފުރުސަތެއް ލިބިފައެވެ. ކޯނަރެއްގެ ތެރެއިން ކަސެމީރޯ ދިން ބޯޅައަކުން ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ފޮނުވާލި ހަމަލާ ސިޓީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭގައި ސިޓީން ވަނީ އަލުން ލީޑު ހޯދައިފައެވެ. ޑިބްރޭނާ ދިން ބޯޅައަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ގޮންޑޮގަންއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ ޔުނައިޓެޑް ގޯލުގެ ތިރީ ކަނަކަށެވެ.

އެ ގޯލަށްފަހު ވެސް ސިޓީން ދިޔައީ ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ސިޓީގެ ޑިބްރޭނާއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ، ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ވެސް ސިޓީގެ ގުންޑޮގަން ވަނީ ޔުނައިޓެޑުގެ ގޯލުގެ ތެރެއަށް އިތުރު ބޯޅައެއް ފޮނުވާލައިފައެވެ. އާލިން ހާލަންޑް ފޮނުވާލި ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑެހެއާ މަތަކުރުމާއެކު ލިބުނު ބޯޅަ، ގުންޑޮގަން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

ސިޓީއަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ތުރުކީގެ އިސްތަންބޫލުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިމަހުގެ ދިހަވަނަ ދުވަހު ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

comment ކޮމެންޓް