އެފްއޭ ކަޕް ފައިނަލުގައި ސިޓީގެ ގޯލުން އެޑަސަން ނުފެންނާނެ: ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ބްރެޒިލް ކީޕަރު އެޑަސަން -- ފޮޓޯ/ ގެޓީ

އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީގެ ގޯލު ބަލަހައްޓާނީ އެޓީމުގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން ނޫން ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ނިންމާފައިވަނީ ފައިނަލުގައި އެޑަސަންގެ ބަދަލުގައި އެފްއޭ ކަޕްގެ މެޗުތަކުގައި ސިޓީގެ ގޯލު ބެލެހައްޓަމުންދިޔަ ޖަރުމަން ކީޕަރު ސްޓެފަން އޯޓޭގާއަށް ފުރުސަތު ދިނުމަށެވެ.

"ފައިނަލް މެޗުގައި ފެންނާނީ އޯޓޭގާ. އެއީ މިފަދަ މުބާރާތްތަކުގައި އާންމުކޮށް އަމަލުކުރަމުންދާ ގޮތް. ބާސެލޯނާ އަދި ބަޔާން މިއުނިކާއެކު ވެސް އަހަރެން އެގޮތަށް ކަންތައް ކުރީ. އެހެންވީމާ އެފްއޭ ކަޕްގެ ފައިނަލުގައި ވެސް ގޯލު ބަލަހައްޓާނީ އޯޓޭގާ،" ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.

މެންޗެސްޓާ ސިޓީގެ ޖަރުމަން ކީޕަރު ސްޓެފަން އޯޓޭގާ -- ފޮޓޯ/ ގެޓީ

ގާޑިއޯލާ ބުނީ އަނިޔާއަކާ ކުރިމަތިލާން ޖެހުނު އިނގިރޭސި ފޯވަޑް ޖެކް ގްރީލިޝް އާއި ބެލްޖިއަމް މިޑްފީލްޑަރު ވެސް މިހާރު ތަމްރީނުތަކުގައި ބައިވެރިވާން ފަށާފައިވާ ކަމަށާއި ފައިނަލުގައި ކުޅެވޭނެ ވަރަށް އެ ކުޅުންތެރިން މިހާރު ފިޓުވެފައިވާ ކަމަށެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ނުކުންނާނީ މާދަމާ ރޭ 7:00 ގައެވެ. އެ މެޗަށްފަހު ސިޓީން މިމަހުގެ ދިހަވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނާނެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީއަށް މިސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ.

comment ކޮމެންޓް