މުނައްވަރު މިފަހަރު ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށާއި ކަނޑާއެކު ޗާގޯސް ވެސް ހޯދަން ޖެހޭކަމަށް

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިރޭގެ އެއްވުމުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަން ތާރީޚީ ގޮތުން ހާމަވާކަމަށާއި ދެން މަސައްކަތް ކުރަންވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމާއެކު ޗާގޯސްގެ ރަށްތައް ވެސް ހޯދުމަށްކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެެ.

އިމުގެ މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި ވާހަަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ޗާގޯސްއަކީ 1600ގެ އަހަރުތަކުގައި ކުރެހުނު ޗާޓުތަކުގައި ރާއްޖޭގެ ތަނެއްގެ ގޮތުގައި ކުރެހިފައިވާ ތަނެއްކަމަށެވެ.

އަދި އެ ތަން ފަރަންސޭސީންގެ އިސްތިއުމާރުގެ ދަށަށް ގެނެސް މީހުން ވަޒަންވެރިކުރުވުމާ ހަމައަށް ވެސް އެ ތަނުގައި ބަޔަކު ދިރިއުޅެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޒަމާނުގެ މެޕުތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ދައްކައިފައި އޮތް ތަނެއް އަޅުގަނޑުމެންނަށް ލިބެންޖެހޭނެ. އެހެންވީމާ އަޅުގަނޑުމެން ދިވެހި ސަރުކާރަށް މި ފުރުސަތުގައި، އަދި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން މި ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ދަންނަވާލުމާއެކު މި ގޮވައިލަނީ އެ ތަން ވެސް ހޯދަން މަސައްކަތްޕުޅު ކުރައްވާށޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރު މިފަދައިން ވިދާޅުވިއިިރު މީގެ ކުރިން އޭނާވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ވިދާޅުވެފައެވެ.

https://sun.mv/176921

އެހެންވެ މީގެ ކުރިން ޗާގޯސް ހޯދަން ވެސް ވަކާލާތު ނުކުރާކަމަށް ޑރ. މުނައްވަރު ވިދާޅުވެފައިވެއެވެ.

ޑރ. މުނައްވަރު ވިދާޅުވީ އިމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ބޭރުގެ ވަކީލުންނަށް ދިވެހީންގެ މަސްލަހަތު އިސްކުރަން ނޭނގުނުކަމަށެވެ.

"ރާއްޖޭގެ ގާނޫނުގައި އޮންނާނެ އެހެން ގައުމަކާއެކު ފުށުއަރަންޏާ އަޅުގަނޑުމެންގެ ސަރަހައްދު ބައިކުރުމުގައި ގެންގުޅޭނެ އުސޫލެއްގެ ވާހަކަ. އެކަމަކު އަޅުގަނޑު [1996ވަނަ އަހަރު] ހެދި ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނުނުގެ ފުރަތަމަ ޑްރާފްޓު ހެދި މީހާގެ ހައިސިއްޔަތުން ދަންނަވަން، އެ ގާނޫނުގެ ދަށުން 200 މޭލު ނޯޓިކަލް ކްލެއިމްކޮށްފައިވަނީ ނުވަތަ ކަނޑައަޅައިފައިވަނީ އަޅުގަނޑުމެންނަށް ކަނޑައެޅެން އޮތީމާ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އިތުރު ގައުމެއް ނޯންނާނެކަމަށެވެ. ދެކުނުގައި އޮތް ޗާގޯސް އައިލޭންޑްސްއަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތް ޖަޒީރާ ރަށްތަކެއްކަމަށާއި އެ ރަށްތަކުގެ މައްޗަށް ދައުވާކުރާ ބަޔަކީ މޮރިޝަސްކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް ޗާގޯސް އައިލޭންޑްސްގެ ސްޓޭޓަސްއަށް ބަދަލެއް ނާންނަކަމށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީ ދައުލަތަކަށް ނުވާ އެ ފަދަ ޖަޒީރާއަކަށް ބޭސްލައިންތަކެއް ކުރަހައި ސަރަހައްދުތަކެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިރޭގެ އެއްވުމުގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އޮންނަ އަނެއް މައްސަލައަކީ ދައުލަތެއްކަމުގައިނުވާ ގައުމަކަށް، ދައުލަތެއްކަމުގައިނުވާ ޖަޒީރާއަކަށް، އެ ޖަޒީރާތައް ވަށައިގެން ބޭސް ލައިން ކުރަހައިގެން ޒޯންތަކެއް އެކަށައެޅުމުގެ ހައްގެއް ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ދީފައެއް ނޯވޭ. މިއީ އޮޅިގެން ދައްކާ ވާހަކައެއް ނޫން. މިއީ އެނގިގެން ދައްކާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުލިބި އޮތް ސަރަހައްދު ނުހޯދޭނަމަ ސަރުކާރުގެ ވެރިން "ގެއަށް ވަޑައިގަންނަވަން" ޖެހޭކަމަށެވެ.

އަދި ސިއްރު ސިޓީއަކުން ރާއްޖޭގެ ސިޔާދަތަށް ނުރައްކާވެ ގެއްލުންވާ ކަމެއް ކުރެވޭނަމަ ވެރިން މަގާމުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދީ ސަރަހައްދަކީ ކޮބައިކަން ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށް ކަނޑައަޅައިފައިވާކަމަށެވެ. އެއީ ރާއްޖޭގެ ސަރަހައްދާއި އެހެން ގައުމެއްގެ ސަރަހައްދާ ފުށުއަރާ ސަރަހައްދެއް އޮތް ސަބަބުކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

އެއާއެކު އިމުގެ މައްސަލައިގައި އިތުރަށް ރާއްޖެއަށް ކުރެވޭނެ ކަމެއް ނެތްކަމަށް ސަރުކާރުން މިހާރު ބުނުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއްތޯ ޑރ. މުނައްވަރު ސުވާލުކުރެއްވިއެވެ.

"ވިދާޅުނުވާށޭ ދެނެއް އިސްތިއުނާފްކުރާނެ ޖާގައެއް ނެތޭ. އަޅުގަނޑުމެންނަށް ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލްގެ ޕްރޮސީޖާ އެނގޭ. ތި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ. މި ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާތީ ބޭރުން ކަމުގެ ގާބިލިއްޔަތު ނެތް ބަޔަކު ހޯދަން ޖެހުނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް