އިމުގެ މައްސަލައިގައި ރައީސް ޞާލިޙާ ދެކޮޅަށް ދައުވާ ކުރާނަން: ނާޒިމް

އެމްއެންޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިހުމާލުން ކަމަށާއި އެ މައްސަލައިގައި އެ މަނިކުފާނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ކަނޑުގެ ސަރަހައްދު ބެހި ގޮތުން ހިތްހަމަނުޖެހިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއިން ވަނީ އިއްތިހާދެއް އެކުލަވާލައިފައެވެ.

އެ އިއްތިހާދުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ ޖަލްސާގައި ނާޒިމް ވިދާޅުވީ، ރާއްޖެއިން ބޮޑު ބައެއް ގެއްލިއްޖެ ކަމަށާއި އެ ބައި ހޯދަން ޖެހޭ ކަމަށެވެ. އަދި، ވެރިކަމުގައި ހުންނެވުމުގެ މޯރަލް އޮތޯރިޓީ މިހާރު ރައީސް ޞާލިޙަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ނާޒިމް ވިދާޅުވި ގޮތުގައި ގައުމެއްގެ ނިސްބަތުން ރާއްޖެއަށް ގެއްލުނީ ސްވިޒަލެންޑު ވަރުގެ ސަރަހައްދެއް ކަމަށެވެ. އަދި، އެކަމުގައި ރައީސް ޞާލިޙާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"މިހެން ބުނެލަން ފަސޭހަވެދާނެ ގެއްލުނީ މީންދަވަރެކޭ. އެކަމު ސްވިޒަލެންޑް ވަރުގެ ސަރަހެއްދެއް ގެއްލުމަކީ ގައުމަށް ލިބޭ ދެރެއަށް. ހީނުކުރައްވާތި ވެރިކަމުގައި ހުންނެވީމަ ދައުވާ ނުކުރާނޭ. މި މައްސަލައިގައި ރައީސް ޞާލިޙާ ދެކޮޅަށް ދައުވާ ކުރާނަން،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރު މިއޮތީ ފެއިލްވާނެ އެންމެ ބޮޑަކަށް ފެއިލްވެފައި ކަމަށާއި އެހެންވެ، މި ސަރުކާރު މިއަދު ބަދަލުކުރަން ޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ކަމުގައި ފަހަތަށް ޖެހިގެން ނުވާނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ބޭފުޅުން ކުރައްވާ މަސައްކަތް ނިންމަވާލައްވާނީ ރައީސް ޞާލިޙުގެ ވެރިކަން ނިންމާލުމަށްފަހު ކަމަށެވެ.

ނާޒިމް ވަނީ، އިމުގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދަވަން ގޮވާލައްވައިފައެވެ. އަދި، އިމުގެ މައްސަލައިގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދާ އެކު އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ވެސް ރާއްޖެއަށް އޭގެ ގެއްލުން ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މީގެ އިތުރުން ނާޒިމް ވިދާޅުވީ، މި ކަމަކީ ގައުމީ ކަމެއް ކަމަށެވެ.

އެހެންވެ، އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ ލީޑަރުން ތިބީ ސިޔާސީ ކޯޅުން ދޫކޮށްލައިގެން ކަމަށެވެ. އަދި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް އެ އިއްތިހާދު އެއްކޮށް ތިބެ މަސައްކަތް ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާ ގިނަ އަދެދެއްގެ ބަޔަކާ އެކު، ކުރިއަށްދާއިރު އެ އެންމެން ވެސް ގަބޫލުކުރާގޮތުގައި، އިމުގެ މައްސަލައިގައި ރާއްޖެއަށް ކަނޑުގެ ސަރަހައްދެއް ގެއްލުމުގައި އޮތީ ސަރުކާރުގެ އިހުމާލެވެ.

އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެން ވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް