ސިޓީ ހޮޓާގެ ބަދަލުގައި އެސްޓީއޯއަށް ހުޅުމާލެއިން ބިން ދެނީ

އެސްޓީއޯ ސިޓީ ހޮޓާ --- ސަން ފައިލް ފޮޓޯ

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަން ފަށައި ހުއްޓިފައި ހުރި ސިޓީ ހޮޓާ، އާބަންކޯއަށް ދިނުމަށް ފަހު، އޭގެ ބަދަލުގައި ހުޅުމާލެއިން ދެ ބިމެއް އެ ކުންފުންޏަށް ހޯދުމުގެ މަސައްކަތް ފަށާފައި ވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަން ފެށި ސިޓީ ހޮޓަލަކީ އެ ކުންފުންޏަށް ބޭރު ފައިސާ ހޯދުމުގައި އޮތް ގޮންޖެހުންތަކުން އަރައިގަތުމަށް 2007 ވަނަ އަހަރު ފެށި މަޝްރޫޢުއެކެވެ. އެސްޓީއޯގެ ހުއްޓިފައިވާ ސިޓީ ހޮޓަލުގެ މައުލޫމާތު ޙިއްޞާދާރުންނާއި ޙިއްޞާކުރަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ސިޓީ ހޮޓަލުގެ މައްސަލައިގައި އެސްޓީއޯ އާއި އާބަންކޯ ދެމެދު ދެ ފަރާތް އެއްބަސްވާ އެގްރީމެންޓެއް ހެދިފައި ވާކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ ސިޓީ ހޮޓާ އަގުމަގުކޮށްފައި އެ ކުންފުންޏަށް ހުޅުމާލެއިން ބިން ލިބޭ ގޮތަށް އާބަންކޯއަށް ސިޓީހޮޓާ ދިނުމަށް ނިންމާފައި ވާކަމަށް ޢަބްދުﷲ ސައީދު ވިދާޅުވިއެވެ. މިކަމުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށް ނިމިފައި ވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"މި އެގްރިމެންޓުގައި ސިޓީ ހޮޓަލަށް އެސްޓީއޯއިން އިންވެސްޓްކުރި ވަރުން ލިބެންޖެހޭ ފައިސާގެ ބަދަލުގައި އާބަންކޯއިން ދޭން ހުށަހަޅަނީ ބިން. އަޅުގަނޑުމެން މިތިބީ ދެ ފަރާތުން އެކަމަށް އެއްބަސްވެގެން. ނަމަވެސް އަދި ބިމުގެ އެއްބަސްވުމުގެ ލިޔުންތަކެއް އަދި ނުލިބޭ" އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސައީދު ވިދާޅުވިއެވެ.

އެސްޓީއޯއިްނ ހުޅުމާލޭގައި ހަދަންފެށި ސިޓީހޮޓާ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

އާބަންކޯގެ ވިސްނުން ހުރީ ބޭރު އިންވެސްޓަރަކަށް ދީގެން އެތަން ތަރައްޤީކޮށް ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ހިންގުމަށެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ މި ހޮޓާ ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ ގުޅިގެން 2008 ވަނަ އަހަރެވެ. އެސްޓީއޯއި ތަރައްޤީކުރުމަށް ނިންމި މި ސިޓީ ހޮޓަލަކީ 250 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެކެވެ.

އެސްޓީއޯއިން ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެޗްޑީސީއާ ގުޅިގެން ވެސް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ހޮޓަލުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ސިޓީ ހޮޓަލުގެ އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

comment ކޮމެންޓް