އިތުބާރު ނެތް މައްސަލައިގައި އަނގަބަހުން ޖަވާބުދާރީ ވާން ރިފްއަތު މަޖިލީހަށް ހާޒިރުވަނީ

ބަންޑާރަ ނައިބު ރިފްއަތު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ލިޔުމުން ޖަވާބު ދާރީ ވުމުގެ ފުރުސަތު ދެއްވާފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ޖަވާބު ދާރީ ވުމުގެ ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ބުދަ ދުވަހުގެ އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކޮށްފައިވާއިރު، އޭނާ މަޖިލީހަށް ޖަވާބު ފޮނުއްވާފައި ވަނީ ލިޔުމުންނެވެ. ނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީން އެ މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވަނީ ރިފްއަތު މަޖިލީހަށް ހާޒިރުވެވަޑައިގެން ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ މަޑުޖައްސާލައްވާފައެވެ.

އަދި މަޖިލީހުގެ ސިޔާސީ ޕާޓީތަކުން އެ މައްސަލައިގައި އަމަލު ކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާތީ، އެ ކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އޭޖީ މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވީ އެެ މައްސަލައިގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ ކަމަށާއި، އެ މައްސަލައަކީ ގިނަ ގާނޫނީ ވާގިއާ ތަކެއް ހިމެނޭ މައްސަލައަކަށް ވުމުން އެކަމުގައި ތަފްސީލީ ޖަވާބެއް ދެއްވުމަށް ކަމަށެވެ.

އެހެންނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާތީ، ދެން އެ މައްސަލައިގެ ބަހުސް އެޖެންޑާ ކުރާ ދުވަހަކުން ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމުގެ ހައްގު އިހުތިޔާރުކޮށް, ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އޭޖީ ވަނީ އެދިވަޑައިގެންފައެވެ.

އޭޖީގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގުޅިފައިވާ އިދިކޮޅު އިއްތިހާދުންނެވެ. އެ އިއްތިހާދުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސްއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ހިމެނެއެވެ.

comment ކޮމެންޓް