''މޯލްޑިވްސް ޓޫރިޒަމް އެވޯޑު 2023'' އަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ ރިސޯޓެއް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިތަކުގެ އަގުވަޒަންކޮށް ޓޫރިޒަމް މިނިސްޓްރީން ދޭ "މޯލްޑިވްސް ޓޫރިޒަމް އެވޯޑް"ގެ މި އަހަރުގެ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ މިނިސްޓްރީ އިން މިއަދު ހުޅުވާލައިފިއެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީން, ރާއްޖޭގެ ޓޫރިޒަމުގެ ރަން ޔޫބިލް އަހަރު (މިދިޔަ އަހަރު) ތައާރަފުކުރި އެވޯޑެކެވެ. ޱ

މި އެވޯޑާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދް ރިޒާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ނިމިދިޔަ އަހަރު ފުރުނުއިރު ވެސް، މިނިސްޓްރީގެ ފަރާތުން ނުވަތަ ސަރުކާރުގެ ފަރާތުން އެކަށީގެންވާ ވަރަށް އެ ދާއިރާގައި ޚިދުމަތް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަން ނުކުރެވޭ ކަމަށެވެ.

އެހެންކަމުން މި އެވޯޑުގެ ބޭނުމަކީ، އެ ދާއިރާ ކުރިއެރުވުމުގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގައި ބުރަކޮށް މަސައްކަތް ކުރައްވާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުން ކަމަށް އަސްއަދް ވިދާޅުވިއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑު މި އަހަރު މައިގަނޑު ގޮތެއްގައި ބަހާލެވިފައިވަނީ ފަސް ކެޓަގަރީއެއްގެ މައްޗަށެވެ. އެއީ:

- ޓޫރިސްޓް ރިސޯޓް: މި ކެޓަގަރީ އަށް 16 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި.
- ޓޫރިސްޓް ގެސްޓް ހައުސް އަދި ޓޫރިސްޓް ހޮޓެލްސް: މި ކެޓަގަރީ އިން 15 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި.
- ޓޫރިސްޓް ވެސެލްސް: މި ކެޓަގަރީގައި 13 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި
- އެހެނިހެން ފެސިލިޓީތައް: މީގެ ތެރޭގައި ހިމެނެނީ ޓްރެވަލް އެޖެންސީތަކާއި ޑައިވް ސެންޓަރުތަކުގެ އިތުރުން ވޯޓާ ސްޕޯޓްސް ސެންޓަރުތައް
- ޓޫރިސަމް ޕާސަނަލީޓްސް/ޕްރޮފެޝަލްސް (އެ ދާއިރާގެ ޢާންމު ފަރާތްތަކަށް).

މި ކެޓަގަރީތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެވޯޑް ލިބޭނީ މިނިސްޓްރީ އަދި މި އެވޯޑަށް ހޮވިފައިވާ ތަފާތު އެކި ޕެނަލިސްޓުންގެ މާކުހުން 75 ޕަސެންޓަށް ވުރެ މަތިން ލިބޭ ފަރާތްތަކަށެވެ. އަދި އެ އެވޯޑްތަކަށް ކުރިމަތިލުމުގެ ކުރިން، މިނިސްޓްރީން ޢާންމުކޮށްފައިވާ ގައިޑްލައިންތަކަށް ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އެދިފައިވެއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާއިރު، މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00ގެ ނިޔަލަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުގެ އިތުރުން، އެވޯޑާ ބެހޭ އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުގެ އިތުރުން، [email protected] އަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން އެދެއެވެ.

މި އަހަރުގެ އެވޯޑު ހަފުލާ ބާއްވަން ތާވަލުކޮށްފައި ވަނީ އޮކްޓޫބަރުގެ މަހުގެ ތިން ވަނަ ދުވަހެވެ.

comment ކޮމެންޓް