ކާމިޔާބު ކޮންފަރެންސްއަކަށް ފަހު، ސްޓޯރީޓެލާސްގެ ބައިވެރިން ތަފާތު 8 ސަރަޙައްދަކަށް

ސްޓޯރީ ޓެލާސް ކޮންފަރެންސްގެ ތެރެއިން ---- ފޮޓޯ/ އެމްއެމްޕީއާރުސީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބޭއްވި "ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023) ކާމިޔާބުކަމާ އެކު ނިންމާލައި، ބައިވެރިން ރާއްޖޭގެ އަށް ސަރަޙައްދަކަށް ދަތުރު ފަށައިފިއެވެ.

ސްޓޯރީޓެލާސް ކޮންފަރެންސް ބާއްވާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކްރޮސްރޯޑްސްގައެވެ.

މި ކޮންފަރެންސްގައި، ދުނިޔޭގެ މަޝްހޫރު ވާހަކަދެއްކުންތެރިންނާ އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރަންސްގައި ބައިވެރިވި ކޮންޓެންޓް ކްރިއޭޓަރުން، ރާއްޖޭގެ ރީތިކަމުގެ ވާހަކަތަކާއި ކޮންޓެންޓް އުފެއްދުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެމްޕީއާރުސީން ބުނީ، ކޮންފަރެންސްއަށް ފަހު، ބައިވެރިން މިހާރު ވަނީ ރާއްޖޭގެ އަށް ސަރަޙައްދަކަށް ދަތުރު ފަށާފައި ކަމަށެވެ. އެގޮތުން އެކި ގްރޫޕުތަކަށް ބަހާލައިގެން، ބައިވެރިން މިހާރު ވަނީ މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ރ. އަތޮޅާއި ލ. އަތޮޅާއި އަރި އަތޮޅާއި ވ. އަތޮޅާއި، ކ. އަތޮޅާއި އައްޑޫ އަތޮޅު، ފުވައްމުލަކުގެ އިތުރުން ހއ. އަތޮޅު އަދި ހދ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ.

ސްޓޯރީ ޓެލާސް ކޮންފަރެންސްގެ ތެރެއިން ---- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނެ، ތަޖުރިބާކޮށް، އެ ސަރަޙައްދުތަކުގައި ހުރި ތަފާތު ހަރަކާތްތަކުގައި ތިން ދުވަސް މަތިން ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް، ޝައުގުވެރިވާ ފަދަ ތަފާތު ވާހަކަތަކެއް އުފެއްދުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށެވެ.

ކާމިޔާބުކަމާ އެކު އެމްއެމްޕީއާރުސީން ބޭއްވި ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާސް ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ވަނީ ބައިވެރިވެފައެވެ.

އެމްއެމްޕީއާރުސީން ބުނީ ސްޓޯރީ ޓެލާސް ކޮންފަރެންސް އަކީ ހައިރާން ކުރުވަނިވި ގުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އެކަކު އަނެކަކާ ހިއްސާކޮށް މަޝްވަރާކުރުމަށް ކޮންފަރަންސަކަށް ވާއިރު، އެއީ މިހާތަނަށް ބާއްވާފައިނުވާ ފަދަ ތަފާތު އިވެންޓެއް ކަމަށެވެ.

އެގޮތުން މި ކޮންފަރަންސްގެ ތެރޭގައި ރާއްޖޭގެ ސަގާފަތް ތަޖުރިބާކޮށް، ރީތި މަންޒަރުތައް ބަލާލައި، މަންޒިލްގެ ހަގީގީ ކުލަތަކާއި މަލަމަތި ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އަދި ކިއުންތެރިންނާއި ބެލުންތެރިން ޝައުޤުވެރި ވާފަދަ ނެރެޓިވް، އުފައްދާނެ ގޮތްތައް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ކޮންފަރެންސްގެ ތެރެއިން ބައިވެރިން ވަނީ، ދާއިރާގެ ތަޖުރިބާކާރުން އިސްކޮށް ތިބެ، ރާއްޖެއާ ގުޅޭ ތަފާތު ކަންކަމާ ބެހޭ ގޮތުން ފުންކޮށް މަޝްވަރާކުރި ޕެނަލް ޑިސްކަޝަންތަކުގައާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކުގެ އިތުރުން ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވެފައެވެ.

ސްޓޯރީ ޓެލާސް ކޮންފަރެންސްގެ ތެރެއިން ---- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ، އެ ސެޝަންތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ޒިންމާދާރު ދަތުރުފަތުރާއި ސަގާފަތް ރައްކާތެރިކުރުމާއި މަންޒިލްތައް ޕްރޮމޯޓްކުރުމުގެ ވާހަކަ އާއި ކޮންޓެންޓް ބޭނުންކުރެވިދާނެ ގޮތްތަކުގެ އިތުރުން އެ ފަދަ ވާހަކަތަކުން ބެލުންތެރިންނާއި ކިއުންތެރިން، އެ މަންޒިލުތަކާ މެދު ޝައުގުވެރިކުރުވޭ މިންވަރާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

މިކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ، ސްޓޯރީޓެލާސް ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކޮންފަރެންސަކީ ދަތުރުފަތުރަށް ލޯބިކުރާ ފަރާތްތަކަށާއި މި ސިނާއަތުގެ ޕްރޮފެޝަނަލުންނަށް ރާއްޖޭގެ އާދަޔާ ޚިލާފު ރީތިކަން ބަލާލުމަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ޕްލެޓްފޯމެކެވެ.

"މިހާރު އަޅުގަނޑުމެން މި އިންތިޒާރުކުރަނީ ސައިޑްލައިން ހަރަކާތްތައް ނިންމާލާ، އަޅުގަނޑުމެންގެ ބައިވެރިން ހިއްސާކުރާ ރާއްޖޭގެ ތަފާތު ވާހަކަތަކާއި ނަލަ ފޮޓޯތަކާއި ވީޑިއޯތައް މުޅި ދުނިޔެއަށް ދައްކާލުމަށް." އޭނާ ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 އަކީ ރާއްޖެ ޕްރިމިއައާ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ މުޅި ދުނިޔެއަށް ދައްކާލުމަށް އެމްއެމްޕީއާރުންސީން އިންތިޒާމުކުރި ކޮންފަރެންސެކެވެ.

ސްޓޯރީ ޓެލާސް ކޮންފަރެންސްގެ ތެރެއިން ---- ފޮޓޯ/ އެމްއެމްޕީއާރުސީ

މި ކޮންފަރެންސްގެ އެއް މަގުސަދަކީ ސްޓޯރީޓެލިން ބޭނުން ކޮށްގެން ދުނިޔޭގެ ހުރިހާ ހިސާބަކުން ފަތުރުވެރިން ރާއްޖެއާ މެދު ޝައުގުވެރިކުރުވާ، ރާއްޖޭގެ ރީތިކަމާއި ރިވެތި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ދައުވަތު ދިނުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އިންފްލުއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސެގްމަންޓްތަކަށް ހޭލުންތެރި ކުރުވުމަކީ ވެސް މި ކޮންފަރެންސްގެ މަގުސަދެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް