އުތުރު ކޮރެއާގެ ފުރަތަމަ ޖާސޫސީ ސެޓެލައިޓް އުފުލި ރޮކެޓް މޫދަށް ވެއްޓިއްޖެ

އުތުރު ކޮރެއާއިން އަސްކަރީ ޖާސޫސީ ސެޓެލައިޓެއް އޯބިޓަށް ފޮނުވަން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، އެ ރޮކެޓުގެ އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މައްސަލަތަކެއް ދިމާވެ އަވަށްޓެރި ގައުމުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރަންތައް އަޅާ އެ ޤައުމުތަކުގެ ސަލާމަތީ ބާރުތައް ވަނީ އެލާޓަށް އައިސްފައެވެ.

ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް ބުނެ އެ އަމަލު ކުށްވެރިކުރި ނަމަވެސް އުތުރު ކޮރެއާއިން ބުނަނީ ވަރަށް އަވަހަށް ދެވަނަ ފަހަރަށް އެ މަސައްކަތް ކުރަން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

ނޯތު ކޮރެއާގެ ދައުލަތުގެ ނޫސް އެޖެންސީ ކޭސީއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗޮލިމާ-1 ރޮކެޓް ފޮނުވާލާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 5:27 ހާއިރު މަލިގިޔޮންގް-1 ޖާސޫސީ ސެޓެލައިޓް ހިފައިގެން ސޮހޭ ސެޓެލައިޓް ލޯންޗިން ގްރައުންޑުންނެވެ. ކޭސީއެންއޭއިން ބުނި ގޮތުގައި ފުރަތަމަ މަރުހަލާ ވަކިވުމަށް ފަހު ރޮކެޓް ގެއްލުނީ ވެހިކަލްގެ ދެވަނަ މަރުހަލާގައި "އާދަޔާ ހިލާފަށް އިންޖީނު ސްޓާޓްއަޕެއް" ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި އެއީ އިންޖީނާއި ފިއުލް ސިސްޓަމަށް ދިމާވި މައްސަލަތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

މި ރޮކެޓް ގެއްލުމާ އެކު އޭގެ ބައިތައް ވެއްޓުނީ ކޮރެއާ ޕެނިންސިއުލާގެ ހުޅަނގު އައްސޭރިފަށުން މޫދަށް ކަމަށް ކޭސީއެންއޭއިން ބުނެއެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވައިގެ މަގުން ހަމަލާ ދިނުމުގެ އެލާމްތަކާއި މީހުން ހުސްކުރުމުގެ އިންޒާރުތައް ވެސް ވަނީ ދީފައެވެ.

ކޭސީއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާއިން ދަނީ ދެވަނަ ފަހަރަށް ސެޓެލައިޓް އުދުއްސާލަން މަސައްކަތް ކުރުމުގެ ކުރިން އަނެއްކާ ވެސް ދިމާވެދާނެ މައްސަލައެއް ހުރިތޯ ޗެކް ކުރުމުގެ ގޮތުން ކަނޑަށް ވެއްޓުނު ރޮކެޓް ބައިތައް ސަލާމަތްކޮށް، އެ މައްސަލަ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މި ރޮކެޓް މޫދަށް ވެއްޓުމުގެ ކުރިން ވެސް، އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކުރުން ބައިނަލްއަޤްވާމީ ގޮތުން މަނާކޮށްފައި އޮތުމުގެ ސަބަބުން، އެ ރޮކެޓް ފޮނުވާލުމަކީ ދެބަސްވުންތަކެއް އުފެދިފައިވާ ކަމެއް ކަމަށް ބެލެވުނެވެ.

ބުދަ ދުވަހުގެ ލޯންޗިންގެ ކުރިން އުތުރު ކޮރެއާއިން ވަނީ މެއި މަހުގެ 31ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގެ ފުރަތަމަ އަސްކަރީ ޖާސޫސީ ސެޓެލައިޓް އުދުއްސާލަން މަސައްކަތް ކުރާކަން އިއުލާނު ކޮށްފައެވެ.

އުތުރު ކޮރެއާގެ އަސްކަރީ ޖާސޫސީ ސެޓެލައިޓް ފޮނުވާލުމަކީ އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް ކުރިއަށް ގެންދަން ކުރި މަސައްކަތެއް ކަމަށް ބުނެ އެމެރިކާއިން ވަނީ ޖަޕާނާއި ދެކުނު ކޮރެއާއާ އެކު ގުޅިފައިވާ ބަޔާނެއް ނެރެފައެވެ.

ވައިޓް ހައުސްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ ގިނަ ގަރާރުތަކާ ހިލާފުވެ، ނުތަނަވަސްކަން އުފެދި، ސަރަހައްދާއި އެ ސަރަހައްދުގެ ސަލާމަތީ ހާލަތު ހަލަބޮލިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ޖަޕާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޯންޗް ކުރުމުގެ ކުރިން ޖަޕާނުން އޮތީ ހައި އެލާޓްގައި ކަމަށާއި ޖަޕާނުގެ ސަރަހައްދަށް ވަދެއްޖެނަމަ ސެޓެލައިޓް ވައްޓާލުމަށް އެ ގައުމުގެ ސެލްފް ޑިފެންސް ފޯސްއަށް އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް