ތާރީހީ އެވޯޑާއެކު އަލީ ވަހީދު: "މިއީ ދިވެހީންނަށް ލިބުނު އުންމީދެއް"

ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ހޯދި އަލީ ވަހީދު --

އިނގިރޭސިވިލާތުގެ ލަންޑަންގެ އެންމެ ބޮޑު އެއް ގްރާސްރޫޓްސް ފުޓްބޯޅަ ނެޓްވޯކްގެ އެންމެ މޮޅު ކޯޗުގެ އެވޯޑު، ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދައިފިއެވެ.

މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އަލީ ވަހީދު ދަނީ ސްޕޯޓިން ލަންޑަންގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. މިމަހުގެ ތެރޭގައި އޭނާ ވަނީ އެ ކްލަބަށް އިނގިރޭސިވިލާތުގެ ދުވަސްވީ އަދި ތާރީހީ މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް"ގެ ޗެމްޕިއަންކަން ވެސް ހޯދައިދީފައެވެ.

އެ ކާމިޔާބާއެކު ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކުން ހޮވާ ސީޒަންގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ވެސް އަލީ ވަހީދަށް ވަނީ ލިބިގެން ގޮސްފައެވެ. މިއީ ދިވެހި ކޯޗަކު ބޭރު ގައުމެއްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.

އެ ކާމިޔާބާއެކު "ސަން ސްޕޯޓްސް" އަށް މިއަދު ދިން އިންޓަވިއުއެއްގައި ކޯޗު އަލީ ވަހީދު ބުނީ މިއީ ދިވެހި ފުޓުބޯޅައަށް ލިބުނު އުންމީދެއް ކަމަށާއި ފުޓުބޯޅަ އުފެދިގެން އައި ގައުމުގައި ކާމިޔާބެއް ލިބިގެންދިއުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެ ކާމިޔާބީ ހޯދިފައިވަނީ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު އެ ނެޓްވޯކަށް ވަނީ 2015 ގައި މިކޮޅުގައި ހުރި އިރު. ދެން އޭރުއްސުރެ ކިޔެވުމާ އެއްކޮށް، އެކްސްޕީރިއަންސްއާ އެއްކޮށް ދިޔައީ. އެންމެ ފުރަތަމަ އެސިސްޓަންޓް ކޯޗަކަށް ވަނީ 2015 ގައި. އެއަށްފަހު އިނގިރޭސި އެފްއޭގެ ލެވެލް 1، ލެވެލް 2 ނިމިގެން މިދިިޔައީ. ދެން މިހާރު ޔޫއެފާ ސީ ލައިސަންސް އެވަނީ ނިމިފައި. މި ދެ އަހަރު ހުއްޓާލުމެއް ނެތި މަސައްކަތް ކުރަމުން މިދިޔައީ،" އޭނާ ބުންޏެވެ.

އަލީ ވަހީދުގެ ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ނިމިގެން މިދިޔައީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށާއި 175 ދުވަހާއެކު މުޅި ވިމްބަލްޑަންގައި އެންމެ ގިނަ ދުވަހު ބަލިނުވެ އޮތީ ވެސް އޭނާ އިރުޝާދުދެމުންދާ ސްޕޯޓިން ލަންޑަން ކަމަށެވެ. އަދި އެވޯޑު ލިބިގެންދިޔަ ނެޓްވޯކަކީ ވަރަށް ބޮޑު ނެޓްވޯކެއް ކަން ވެސް އޭނާ ފާހަގަކުރިއެވެ.

"މި ނެޓްވޯކްގައި ހަމައެކަނި މިއަހަރުވެސް ގާތްގަނޑަކަށް 5000 އަށްވުރެ ގިނަ ކުޅުންތެރިންނާއި ކޯޗުން މަސައްކަތްކޮށްފައި މިވަނީ. އެހެންވީމާ އޭގެ ތެރޭގައި އެކި ގައުމުތަކުގެ މީހުންނާއެކު ވާދަކޮށްގެން، ޓީމެއްގެ ހެޑް ކޯޗުކަން ކޮށްގެން، އޯވަރޯލްކޮށް ޓީމުގެ ހުރިހާ ކަމަކަށް ބަލައިގެން ކޯޗް އޮފް ދަ ސީޒަން ލިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ބުންޏެވެ.

އަލީ ވަހީދު، ސްޕޯޓިން ލަންޑަންގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ -- ފޮޓޯ/ ސްޕޯޓިން ލަންޑަން

އަލީ ވަހީދު ބުނީ ދިވެހީންނަށް ފުޓުބޯޅައިގައި ކުރިއަށްވުރެ މާ ދުރަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މެނޭޖްމަންޓުގައި މަސައްކަތްކުރި ހަތަރު އަހަރު ރާއްޖޭގެ ފުޓުބޯޅައަށް ރަނގަޅު ބަދަލުތަކެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މަސްތަގުބަލުގައި އުފާވެރި އިތުރު ކަންތައްތަކެއް ދިވެހިންނަށް ވެސް ހުޅުވިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިހާރު މިކުރާ މަސައްކަތުން ރާއްޖޭގެ ކުޅުންތެރިންނަށާއި ރާއްޖޭގެ ކޯޗުންނަށާއި ޖުމުލަކޮށް ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ދޮރުތަކެއް ހުޅިވިގެންދާނެ. ކުރިއަށް މިއޮތް ދުވަސްތަކުގައި އެކަން ފެނިގެންދާނެ. އަޅުގަނޑު މިހާރު އެބަ މަސައްކަތްކުރަން އެކަން ގެނެސްދެވޭނެ ގޮތްތަކެއް ބަލަން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި އަޅުގަނޑަށް އެބަ ފެނޭ ރާއްޖޭގެ ފުޓުބޯޅައަށް، މި ހުޅުވުނު ކުޑަ ނަމަވެސް، ބޮޑު ގައުމެއްގައި ހުޅުވިގެން އެ ދިޔަ ދޮރު އަންނާނެ،" އޭނާ ބުންޏެވެ.

އަލީ ވަހީދު އިތުރަށް ބުނީ މިއީ އޭނާގެ މަސައްކަތުގެ ފެށުން ކަމަށާއި ނިއު ރޭޑިއަންޓްގައި ކުރި މަސައްކަތަކީ އޭގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ހީނުކުރާ ކަހަލަ ރަނގަޅު ހިސާބަކަށް ދިވެހިންނަށް ދެވޭ ތަން ފެނިގެންދިއުމަކީ އަމާޒެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ސެންޗެނަރީ ބީ ކަޕް" ގެ ތައްޓަކީ 2021 ވަނަ އަހަރު ސްޕޯޓިން ލަންޑަންއާ ހަވާލުވުމަށްފަހު، އެ ކްލަބަށް އަލީ ވަހީދު ހޯދައިދިން ދެވަނަ ތައްޓެވެ.

އަލީ ވަހީދުގެ އިރުޝާދުގެ ދަށުން އެޓީމުން ހޯދި ފުރަތަމަ ތައްޓަކީ މިދިޔަ އަހަރުގެ ރައޫލް ޑެބުންސެން ކަޕެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޕޯޓިން ލަންޑަނަށް މިދިޔަ އަހަރު "ވިމްބަލްޑަން އެންޑް ޑިސްޓްރިކްޓް ފުޓްބޯޅް ލީގު ކަޕް ސެކްޝަން ބީ" ގެ ރަނަރަޕްކަން ވެސް ހޯދައިދީފައެވެ.

comment ކޮމެންޓް