''ދަ ޑިމޮކްރެޓްސް'' ޕާޓީ ރަޖިސްޓަރީ ކުރަން މާދަމާ ހުށަހަޅަނީ

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މާދަމާ ހުށަހަޅަނީ -- ފޮޓޯ / ސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އެމްޑީޕީ ތެރޭގައި އުފަންކުރި ފިކުރެއްގެ ދިރުން" ފެކްޝަނުން, އެ ޕާޓީއާ ވަކިވުމަށް ފަހު އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން މިއަދު ނިންމައިފިއެވެ.

ޑިމޮކްރެޓްސް ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ މާދަމާ ހެނދުނު ޕާޓީ އުފައްދަން ބޭނުންވާ މެމްބާޝިޕް ފޯމުތައް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާ ކަމަށެވެ. މިކަމަށްޓަކައި އެންމެ ލަސްވެގެން މިރޭ 11 އަށް ގ. ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދިނުމަށް، ފޯމު ފުރުގައި އުޅޭ އެ ޕާޓީގެ ހަރަކާތްތެރިން ގާތު، އެ ޓްވީޓުގައި އެދިފައިވެއެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. މި ހުއްދައަށް އެދުނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.

އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ފެކްޝަން އުފެއްދީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ނާކާމިޔާބުވެވަޑައިގެންނެވި ހިސާބުންނެވެ. ފުރަތަމަ އެ މަސައްކަތް ފެށީ އެ ޕާޓީގެ ގޮއްޕެއް އުފެއްދުމަށް ކަމަށް ބުނެއެވެ.

ނަމަވެސް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގައި މައްސަލައިގައި ސޮއިކޮށްގެން އެ ފެކްޝަނުގައި އުޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުން ނަޝީދުގެ ސަޕޯޓަރުން ވަނީ އެ ޕާޓީން ވަކިވެ، އައު ޕާޓީގެ އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

މި ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވަނީ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ތިއްބެވި އެމްޑީޕީގެ ކުރީގެ 12 މަޖިލިސް މެމްބަރުންނާއި ނަޝީދަށް ތާއީދާކުރާ އެކްޓިވިސްޓުންނެވެ.

ޑިމޮކްރެޓްސް އިން ބުނެފައި ވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

comment ކޮމެންޓް